21 Mar 2014, 19:14
ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑާއި އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނުގެ ބަޔާން މިއުނިކް ލައްވައިލިއިރު، އިނގިރޭސިވިލާތުގެ ޗެލްސީ އަށް ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ)ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.
ސްވިޓްޒަލޭންޑްގެ ނިޔޯންގައި މިއަދު ހަވީރު ނެގި ގުރުގައި، ދާދި ހަމަހަމަކޮށް ޓީމުތައް ބެހިގެން ދިޔައިރު، ސްޕެއިންގެ ޗެމްޕިއަން އަދި މި މުބާރާތް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ ބާސެލޯނާ ވާދަކުރަން ޖެހެނީ، ލަލީގާގެ ވާދަވެރި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ.
ސްޕެނިސް ލީގު ތާވަލުގެ ކުރީގައި މި ވަގުތު އޮތް އަދި ޗެމްޕިއަންސްލީގުގެ ނުވަ ފަހަރު ކާމިޔާބުކޮށްފައިވާ ރެއާލް މެޑްރިޑަށް ލައްވައިލީ، ޗެމްޕިއަންސް ލީގުގެ މިދިޔަ އަހަރުގެ ރަނަރަޕް ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑު އެވެ.
ކުއާޓާގެ ފުރަތަމަ ލެގުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ، އަންނަ މަހުގެ އެކެއް އަދި ދޭއްގަ އެވެ. ދެވަނަ ލެގުގެ މެޗުތަށް ކުޅޭނީ، އެޕްރީލް އަށެއް އަދި ނުވައެއްގަ އެވެ.
މިއަހަރުގެ ފައިނަލް މެޗު ކުޅޭނީ ޕޯޗްގަލްގެ ވެރިރަށް ލިޒްބަންގަ އެވެ. މެޗު ކުޅެން ހަމަޖެހިފައި ވަނީ، މޭ މަހުގެ 24 ވަނަ ދުވަހު، ބެންފިކާގެ އެސްޓާޑިއޯ ޑަ ލުޒް (ސްޓޭޑިއަމް އޮފް ލައިޓް)ގަ އެވެ.
މެންޗެސްޓާ ޔުނައިޓެޑް މިފަހަރުގެ މުބާރާތުގެ ކުއާޓާއަށް ދަތުރުކުރީ، ގްރީކްގެ އޮލިމްޕިއާކޮސް އަތުން މޮޅުވެގެންނެވެ. އަދި ޗެލްސީ ކުއާޓާއިން ޖާގަ ހޯދީ، ތުރުކީގެ ގަލަތަސަރާއީ ބަލިކުރުމަށް ފަހު އެވެ.
މިފަހަރުގެ ކުއާޓާއިން ސްޕެއިންގެ ތިން ޓީމު ޖާގަހޯދި އިރު، ރެއާލް މުބާރާތުގެ ކުއާޓާއަށް ދަތުރުކުރީ، ބޮޑު ތަފާތަކުން ޖަރުމަނުގެ ޝަލްކޭ ބަލިކޮށްފަ އެވެ. އަދި އެތުލެޓިކޯ ކުއާޓާއިން ޖާގަ ހޯދީ، ހަތް ފަހަރު ޔޫރަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ އިޓަލީގެ އޭސީ މިލާން ބަލިކުރުމަށް ފަހު އެވެ. ބާސާ ކުއާޓާއިން ޖާގަ ހޯދީ ގަދަ 16ގައި މެންޗެސްޓާ ސިޓީ ބަލިކުރުމަށް ފަހު އެވެ.
ޗެމްޕިއަން ބަޔާން މިޔުނިކް މިފަހަރުގެ މުބާރާތުގެ ކުއާޓާއިން ޖާގަ ހޯދާފައިވަނީ، އިނގިރޭސި ވިލާތުގެ އާސެނަލް ބަލިކުރުމަށް ފަހު އެވެ. އަދި ރަނަރަޕް ޑޯޓްމަންޑް ކުއާޓާއަށް ދަތުރުކުރީ، ރަޝިއާގެ ޒެނިތު ސެއިންޓް ޕީޓާސްބާގް ބަލިކުރުމަށްފަހު އެވެ.