އައްްޑޫ ސިޓީ އިން: މުރުޝިދު އަބްދުލް ހަކީމް

މާދަމާ އޮންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބަށް އައްޑޫ ސިޓީ ޖުމްލަ 26 ކެންޑިޑޭޓުންނާ އެކު ކުރިމަތިލާއިރު އިންތިހާބުގެ ވާދަވެރިކަން ވެސް ވަނީ އިންތިހާއަށް ބޮޑުވެފައި އެވެ. ކެމްޕެއިން ފޯރި ގަދަވެފައިވާ މި ދަނޑިވަޅު އިންތިހާބު ދާގޮތާ ދޭތެރޭގައި މި ސިޓީން ބައެއް މީހުން ކައިރިން މައުލޫމާތު ސާފުކޮށްލުމުން ބުނަނީ މިފަހަރުގެ އިންތިހާބު މީގެ ކުރީ ފަހަރުތަކާ ހިލާފު ކަމަށެވެ. ރިޝްވަތު ދިނުމުގައި "މާ ކުރީގައި" ބައެއް ކެންޑިޑޭޓުން އުޅުއްވާ ވާހަކަ އެވެ. ރިޝްވަތުގެ ގޮތުގައި ގެދޮރު އިމާރާތްކުރުމަށް ބޭނުންވާނެ ސާމާނާއި ނަގުދު ފައިސާ ދިނުން އާންމުވެފައިވާ ކަން އައްޑޫ އިން ދިމާވި ބައެއް މީހުންގެ ފަރާތުން އެގުނެވެ.

"ބައެއް ކެންޑިޑޭޓުން ގެއަށް ވަޑައިގެން ވަރަށް ފާޅުގައި ވިދާޅުވަނީ ތިމަންނަ މިއައީ ވޯޓު ހޯދާށޭ. ކޮންކަމެއް ހޭ ކޮށްދޭންވީ. ދެން އެ ގެއަކުން ބުނާ އެއްޗެއް އެބަ ހޯދަދޭ. ބައެއް މީހުނަށް ގެ ހިޔާކުރަން ފުރާޅުޓިނާއި، ސިމެންތި އާއި ސޯފާ ސެޓާއި އަދި ބައެއް މީހުނަށް ނަގުދު ފައިސާވެސް އެބަ ދޭ. އެހެންވީމާ މި ފަހަރު ނޭނގޭ އިންތިހާބު ކާމިޔާބުކުރާނެ ކެންޑިޑޭޓެއް ބުނާކަށް، " އައްޑޫ ސީޓީން ވާހަކަ ދެއްކީ މީހަކު މިއަދު ސަން އާ ވާހަކަދައްކަމުން ކިޔާދިނެވެ.

ރިޝްވަތު ހިފުމާއި ރިޝްވަތު ދިނުމަކީ ކުށެއް ކަމަށް ގާނޫނުގައި ބަޔާންކޮށްފައި އޮތް ނަމަވެސް ގިނަ ދާއިރާތަކެކޭ އެއްފަދައިން އައްޑޫގައި ވެސް ރިޝްވަތު ދޭކަމުގެ ޝަކުވާތައް "ފުލު ފުލުން" އާންމުން ދަނީ ފުލުހުންނަށް ހުށަހެޅެމުންނެވެ. ސައުތު ޕޮލިސް ޑިވިޝަންގެ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހްމަދު ޝިފާން ސަން އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އިންތިހާބާ ގުޅިގެން ހުށަހެޅުމުން އަންނަ ޝަކުވާތަކަކީ ރިޝްވަތުދޭ ކަމުގެ ޝަކުވާތައް ކަމަށެވެ.

"އިންތިހާބާ ގުޅިގެން އާންމުގެ ފަރާތުން އެންމެ ގިނަ އިން މިއަންނަ ޝަކުވާއަކީ ރިޝްވަތު ދޭކަމަށް ބުނެ ހުށަހެޅޭ ޝަކުވާތައް. އެހެން ޝަކުވާތަކެއް މިހާތަނަށް ހުށަހަޅާފައެއް ވެސް ނުވޭ. އިންތިހާބުގެ ވާދަވެރިކަމުގެ ތެރެއިން އެފަދަ އަމަލެއް ހިންގި ކަމުގައި ވަނީ ނަމަވެސް ފުލުހުން މި ގެންދަނީ އެކަން ހިނގާގޮތް ބަލަމުން،" ޝިފާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިޝްވަތުދޭ ކަމުގެ ޝަކުވާ ހުށަހެޅެމުން ދަނީ އެ ފަދަ މައްސަލަތައް ސާބިތުކުރެވޭނެ ގޮތަކަށްނުވާތީ އެކަން ހިނގާގޮތް ފުލުހުން ފާރަވެރިވެ ބަލަމުންގެންދާނެ ކަަމަށާއި އެކަންކަމާއި އަޅާނުލައި ދޫކޮށް ނުލާނެ ކަމަށެވެ.

އައްޑޫ ސިޓީގައި "ރިޝްވަތުގެ ކުޅިގަނޑު" ބޮޑުވެފައިވާ ކަމަށް ބުނާ ދާއިރާތަކުގެ ކެމްޕެއިން ފޯރި ވެސް އެހާމެ ގަދަ އެވެ. އަދި އެހެންމެ އެމީހަކު ނިސްބަތްވާ ޕާޓީގެ ކެންޑިޑޭޓު ދޫކޮށްލުމަށް ފަހު އިދިކޮޅު ޕާޓީން ނިކުންނަ ކެންޑިޑޭޓުންނަށް ތާއިދުކޮށްގެން އުޅޭ މީހުންނާމެދު ރިޝްވަތުގެ ތުހުމަތުގެ އިނގިލި ދިގުކުރާލެއް ވެސް ގިނަ އެެވެ.

އެހެން ކަމުން ރިޝްވަތުގެ ކުޅިގަނޑާއެކު އައްޑޫގައި ނަތީޖާ ހީނުކުރާ ފަދަ ގޮތަކަށް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ގިނަ މީހުން އިއްތިފާގުވެ އެވެ.