ހއ. ދިއްދޫ އިން: އަހުމަދު ސާއިލް އަލީ

މަސްވެރިންނަށް މަސް ނުކިރުމުން އޮފީސް ތެރެއަށް މަސް އެޅީ ހއ. ދިއްދޫގަ އެވެ. އެފަދަ ކިތަންމެ ކަމެއް ދިއްދޫގެ ތާރީހުގައި ހިގާފައިވެ އެވެ. މިއީ ފޯރި ގަދަ ރައްޔިތުން ދިރިއުޅޭ ރަށެވެ. ގިނަ ކަންކަމީ "ލެޔަށް" ކުރާ ކަންކަމެވެ. ގިނަ އިންތިހާބުތަކަކީ ދިއްދޫގެ ތާރީހުގައި ފޯރިގަދަ ގިނަކަންތައްތަކެއް ހިނގާފައިވާ އިންތިހާބު ތެކެކެވެ.

މަޖިލިސް އިންތިހާބު ކަވަރުކުރުމަށް މިއަދު ދިއްދޫއަށް އައުމުން ބޮޑު ހައިރާން ކަމެެއް އަޅުގަނޑަށް ލިބުނެވެ. ފެންނަނީ މާދަމާގެ އިންތިހާބަށް ވާދަކުރާ ޕާޓީތަކުގެ ކުލަތަކުން މުޅި ރަށް ޖަރީކޮށްފައިވާ ތަނެވެ. ގޭގޭ ފާރުތައް ވަނީ ޕޯސްޓަރުތަކުން ފުރާލާފައެވެ. މަގުތައް ހިޔާވާވަރަށް ބެނާ ދަމާފައި އެބަހުއްޓެވެ. އަދި ކުލަލުމުގެ ފޯރިވެސް ކުޑައެއް ނޫނެވެ. ވަކި ކެނޑީޑޭޓަކަށް ދޫކުރާނެ ކެނޑިޑޭޓެއް ނެތެވެ.

ދިއްދޫއަށް އައުމުން ފެނުނު މަންޒަރުން އަހަރެން އެންމެ ބޮޑަށް ހީކޮށްގެން ހުރީ މިރަށު ތާރީހުން ކުރިން ފެނުންފަދަ ހަލަބޮލިކަމާ ދެކޮޅުވެރިކަން ވަރަށް ބޮޑުވާނެ ކަމަށެވެ. އަދި ކުރިން ހިނގާފައިވާ ތާރީހީ ފޯރިގަދަ ކަންކަން މިފަހަރުވެސް ހިނގާނެ ކަމަށެވެ. ނަމަވެސް ކަންވަނީ މުޅި އެހެނެއް ނޫނެވެ. އިންތިހާބަށް ފޯރި ކިތަންމެހާވެސް ގަދައެވެ. ތިމާމެން ސަޕޯޓްކުރާ ކެނޑިޑޭޓް ހޮވުމަށް ކުރާ މަސައްކަތްވެސް ވަރަށް ފޯރި ގަދައެވެ. ނަމަވެސް ސުލްހަވެރިކަން ގޯހެއް ނޫންނެވެ.

"ވަރަށް ވަރަަށް ވާދަވެރިކޮށް އިންތިހާބް ކަންތައްތައް ދަނީ ވަރަށް ފޯރި ގަދަ، ނަމަވެސް ސުލްހަވެރިކަން އެބައޮތް، ހަމަނުޖެހުމެއް ނެތް އަޅޫގަނޑުމެންނަށް ގަބޫލްކުރެވޭ ވަރަށް އަމާންކޮށް އިންތިހާބްގެ ކަންކަން ދާނެ ކަމަށް،" ދިއްދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝިނާން ވިދާޅުވި އެވެ.

ހއ. އަތޮޅުގެ ވެރިކަން ކުރާ މިއަތޮޅުގެ މައި ރަށުން، މި އިންތިހާބުގައި 1800 އަށްވުރެ ގިނަ މީހުން ވޯޓްލަ އެވެ. އަދި މިރަށުގައި ޖުމުލަ ހަތަރު ވޯޓު ފޮއްޓެއް ބަހައްޓަން ހަމަޖައްސާފައިވެ އެވެ. މިރަށުގެ ގޮނޑިއަށް ވާދަކުރަނީ ފަސް ކެނޑިޑޭޓެކެވެ.

ދިއްދޫ އިލެކްޝަން ފޯކަލް ޕޮއިންޓްގެ އިސްވެރިޔަކު މިއަދު ވިދާޅުވިގޮތުގައި އިންތިހާބަށްވާންޖެހޭ ތައްޔާރީތަކަށް ދިއްދޫ އާއި ހއ. އަތޮޅުގެ ރަށްތައްވެސް ވަނީ ތައްޔާރުވެފައެވެ. އެގޮތުން ހުރިހާ ރަށަކަށް ފޮނުވަންޖެހޭ ސާމާމުވެސް ފޮނުވާ ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.

މާދަމާ ބާއްވާ އިންތިހާބާ ގުޅޭގޮތުން ދިއްދޫއިން ދިމާވި އެކި އުމުރުގެ މީހުންނާއި ވާހަކަ ދައްކާލުމުން އެންމެން ވެސް ބުނެފައި ވަނީ މާދަމާ ބާއްވާ އިންތިހާބަށް ވޯޓުލާން ދިއުމަށް ކެތް މަދުވެފައިވާ ކަމަށެވެ. އަދި ވޯޓުގެ ނަތީޖާ ނުކުންނަ ގޮތަކަށް އިހުތިރާމް ކުރާނެ ކަމަށާއި އެ މީހުން އެދެނީ މި ރަށަށާއި ރާއްޖެއަށް ހެޔޮ ގޮތާއި ތަރައްގީ ކަމަށް އެ މީހުން ބުނެ އެވެ.

"އަހަރެންްމެން މިތބީ އަހަރެމެންގެ އަޑު މަޖިލީހުގައި އިއްވަދޭނެ މަންދޫބެއް ހޮވުމަށް ކެތް މަދުވެފަ، މުޅި މިރަށުގައި ވެސް ވަރަށް ފޯރި ގަދަ،" މިއަދު މެންދުރު ކެއުމުގެ ވަގުތު ދިއްދޫ ހޮޓަލަކުން ދިމާވި މެދު އުމުރުގެ މީހަކު ބުންޏެވެ.

މާދަމާގެ އިންތިހާބަށް ދިއްދޫ ވެފައިވާ ތައްޔާރީތައް ކިތަންމެހާ ވެސް ފުރިހަމަ އެވެ. މުޅި ރަށުގައި އެކި ޕާޓީތަކުގެ ކެމްޕެއިންތައް ވަނީ މެކުހަށް ޖަހާފަ އެވެ. މިރަށުގެ ރައްޔިތުންގެ ތެރެއިން ސިޔާސީ ވާދަވެރިކަން ކިތަންމެ ބޮޑު ނަމަވެސް މިރަށުން ފެންނަމުންދަނީ ސުލްހަވެރި ރައްޔިތެއް އުޅެމުންދާ ތަނެވެ. ޑިމޮކްރަސީގެ މިސާލު ދައްކައިގެނެވެ. ހިޔާލު ތަފާތުވުންތައް ހުރިނަމަވެސް އެކަކު އަނެކަކަށް އިހުތިރާމް ކޮށްގެނެވެ. ތާރީހާއި މިއަދާއި ތަފާތެވެ.