21 Mar 2014, 13:44
ނަސީބީން (މާޗް 21) : ހަނގުރާމައިގެ ސަބަބުން ބިކަ ހާލުގައި ޖެހިފައިވާ ސޫރިޔާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ހިފައިގެން ދިޔަ ގިނަ އަދަދެއްގެ ލޮރީ ތުރުކީގެ ސަރަހައްދީ ރޮނގުގައިވާ ނަސީބީން ސަރަހައްދު ހުރަސްކޮށްސޫރިޔާގެ އުތުރަށް ވަދެއްޖެ އެވެ.
އދ.ގެ އިންސާނީ އެހީގެ ކަންތައްތަކާ ބެހޭ ސަރަހައްދީ ކޯޑިނޭޓަރު ނައިޖަލް ފިޝަރު ވިދާޅުވީ މިއީ ސޫރިޔާގެ އުތުރުގެ ގާމިޝްލީ ސިޓީގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީގެ ތަކެތި ހިފައިގެން ދިޔަ ލޮރީތަކެއް ކަމަށާ މިއެހީތައް ފިޔަވައި ފާއިތުވި ތިން އަހަރު ތެރޭގައި ގާމިޝްލީގެ ރައްޔިތުންނަށް އިންސާނީ އެއްވެސް އެހީއެއް ފޯރުކޮށްދެވިފައިނުވާކަމީ ހިތާމަކުރައްވާ ކަމެއްކަމުގަ އެވެ. ގާމިޝްލީއަކީ ސޫރިޔާގެ ކުރުދީން ދިރިއުޅޭ ސަރަހައްދުގެ ރަށެކެވެ.
މިއީ އެރަށް ފޯރުކޮށްދެވޭ އިންސާނީ އެހީގެ އެންމެ ފުރަތަމަ ޝިޕްމަންޓް ކަމަށްވާ އިރު މީގައި ހިމެނެނީ ކާބޯތަކެއްޗާއި އަންނައުނާއި ބޭހާއި ރަޖާގެ އިތުރުން ސާފުތާހިރު ވުމަށް ބޭނުންވާ ތަކެތިކަމަށްވެ އެވެ. މިފަދަ އިންސާނީ އެހީތަކަށް އެރަށުގެ ރައްޔިތުން އިންތިޒާރުކުރާތާ މިހާރު ތިން އަހަރުވެފައިވާ އިރު ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އެރަށުގެ ރައްޔިތުން ހައިހޫނުކަމާއި ބަލިމަޑުކަން ތަހައްމަލްކުރަމުން ގެންގޮސްފައިވާ ކަމަށް އިންސާނީ އެހީ ދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ. މިހާރު ފޯރުކޮށްދެމުން މިދާ އެހީގެ ޝިޕްމަންޓަކީވެސް ގާމިޝްލީގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީއަށްބަލާއިރު ކުޑަމިންވަރެއް ކަމަށްވެސް އދ. ން ބުނެ އެވެ.
ސޫރިޔާގެ އުތުރުގެ ސިޓީތަކާއި ވިލެޖްތަކުގައި ނުވަ މިލިޔަނަށް ވުރެ ގިނަމީހުން އިންސާނީ އެހީއަށް ބޭނުންވެފައިވާ ކަމަށް އދ. ން ބުނެއެވެ. ނަމަވެސް ހަނގުރާމައިގެ ސަބަބުން އެމީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާތީ ސޫރިޔާގެ އުތުރުގެ ސަރަހައްދުތަކުގައި ހައިހޫނުކަން އާންމުވަމުންދާ ކަމަށް އދ.ގެ މަސްއޫލުވެރިން މީގެކުރިން ވެސް ވަނީ އިންޒާރު ކުރައްވާފައެވެ. (ރޮއިޓާސް)