ކާބުލް (މާޗް 21) : އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ އެންމެ ބޮޑު އެއްލަގްޒަރީ ހޮޓާ ކަމަށްވާ "ސިރީނާ" ހޮޓަލަށް ރޭ އިރާކޮޅުގެ ވަގުތެއްގައި ބަޔަކު ވަދެ ދިން ޙަމަލާތަކެއްގައި އަށް މީހުން މަރުވެ އިތުރު ބަޔަކު ޒަޚަމްވެއްޖެ އެވެ.
މި އަށް މީހުންގެ ތެރޭގައި ހިމެނެނީ އެހޮޓަލަށް ވަދެ ފިސްތޯލައިން ޙަމަލާދިން އަށް މީހުންނާއި އެހޮޓަލުގެ ކަސްޓަމަރުންގެ ގޮތުގައިތިބި ހަތަރު މީހުންނެވެ. މީގެތެރޭގައި ބޭރުގެ ދެމީހުންނާއި ކުޑަދެކުދިން ހިމެނޭއިރު ޒަޚަމްވި ހަތަރު މީހުންނަކީ އެހޮޓަލުގެ މުވައްޒަފުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

"ސިރީނާ" ހޮޓަލަކީ އަންނަ މަހު ބާއްވާ އަފްޣާން ރިޔާސީ އިންތިޚާބުގެ ކަންތައް ބެލުމަށް ޓަކައި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރި ވުމަށް ހަމަޖެހިފައިވާ އދ.ގެ ޓީމުގެ މެންބަރުން ތިބޭ ހޮޓަލެވެ. އަފްޣާން ސަލާމަތީ ބާރުތަކުން ބުނީ އެހޮޓަލަށް ރޭގެ ވަގުތެއްގައި ވަދެ ޙަމަލާތައް ދެމުންގެން ދިޔަ ހަތިޔާރުއެޅި މީހުންނާ ދެކޮޅަށް ސިފައިންގެ ޚާއްސަ ފައުޖަކުން ހިންގި އޮޕަރޭޝަނެއްގައި އެމީހުން މަރާލެވިފައިވާ އިރު ކަސްޓަމަރުންގެ ހަތަރު މީހުން ވެސް މަރުވެ ބައެއްމީހުން ޒަޚަމްވެފައިވާ ކަމުގަ އެވެ.

އަފްޣާން ދާޚިލީ ވަޒީރު ސިއްދީޤު ސިއްދީޤީ ވިދާޅުވީ ހަތިޔާރުއެޅި މީހުންގެ އަދަދަކީ ހަތަރެއް ކަމަށާއި މިހަތަރު މީހުންނަކީ ވެސް އުމުރުން 18 އަހަރުން ދަށުގެ ޒުވާނުން ކަމުގަ އެވެ. އެމީހުން އެހޮޓަލަށް ވަދެފައި ވަނީ އެހޮޓަލުގެ ރެސްޓޯރެންޓެއްގައި ރޭގަނޑުގެ ކެއުމަކަށް އިންސާފު ކުރުމަށް ކަސްޓަމަރުންގެ ގޮތުގައި ކަމަށާއި އެ މީހުން ބޭނުންކުރި ފިސްތޯލަތައް ފޮރުވާފައި ވަނީ އިސްޓާކީނު ދަށަށްލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ހަތިޔާރުއެޅި މީހުން ހިފެހެއްޓި ރަހީނުން މިނިވަންކުރެވިފައިވާ އިރު ކަސްޓަމަރުންގެ ހަތަރު މީހުން މަރުވެފައި ވަނީ ހަތިޔާރުއެޅި މީހުންގެ ހަމަލާތަކުގައިކަން ނޫނީ ރަހީނުން މިނިވަންކުރަން މަސައްކަތްކުރި އަފްޣާން ޚާއްސަ ފައުޖުގެ ހަމަލާތަކުންކަން ސާފުވެފައެއް ނުވެ އެވެ.

"ސިރީނާ" ހޮޓަލަށް ވަދެ އެހޮޓަލުގެ އެތަށްބަޔަކު ރަހީނުންގެ ގޮތުގައި ހިފެހެއްޓި ހަތިޔާރުއެޅި މީހުންނަކީ ކޮންޖަމާއަތަކަށް ނިސްބަތްވާ ބައެއްކަން ކަށަވަރު ނުވިނަމަވެސް މިއީ އަފްޣާނިސްތާނުގެ ހަނގުރާމަވެރި އެންމެ ބޮޑު ޖަމާއަތް ކަމަށްވާ ތާލިބާން ޖަމާއަތުން ހިންގި އަމަލެއް ކަމަށް އަފްޣާން އަމަނާބެހޭ ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

ތާލިބާނުންގެ މިފަދަ އެތަށް ހަމަލާއެއް މިހޮޓަލަށް ކުރިން އަމާޒުވެފައިވެ އެވެ. ރޭގެ ޙަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން އަދި އުފުލާފައެއް ނުވެ އެވެ. ނަމަވެސް ތާލިބާނުންވަނީ އަފްޣާން ރިޔާސީ އިންތިޚާބަށް ހުރަސްއެޅުމަށް މަސައްކަތްކުރާނެކަމުގެ އިންޒާރު ދީފަ އެވެ. (ރޮއިޓާސް)