21 Mar 2014, 13:27
ވައިޓްހައުސް (މާޗް 21) : ޔުކްރޭންގެ މައްސަލާގައި ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އެޅުމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކަށް އަމުރުކުރައްވައިފި ކަމަށް ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.
އޮބާމާ ވިދާޅުވީ ދަތިކުރުމުގެ ދެވަނަ މަރްހަލާގެ ފިޔަވަޅުތަކެއް ރަޝިޔާއާ ދެކޮޅަށް އެޅުމަށް އޭނާ ނިންމަވާފައިވާ ކަމަށާ މިއީ ރަޝިޔާގެ ލީޑާޝިޕަށް އަމާޒުކޮށްގެން އެޅި ފިޔަވަޅުތަކެއް ކަމުގަ އެވެ. އޮބާމާ ވިދާޅުވީ ކްރައިމިޔާ، ރަޝިޔާގެ އިއްތިޙާދުގެ ދަށަށް ގެންދިޔުމަކީ ބައިނަލްއަގްވާމީ މުޖްތަމައުގައި ރަޝިޔާ އެކަހެރިވެގެންދާނެ ކަމެއްކަމަށާއި ޑިޕްލޮމެޓިކް ގޮތުން ރަޝިޔާ އެކަހަރި ކުރުމަކީ ވެސް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭކަމެއް ކަމުގަ އެވެ.
ރިޕޯޓްތައް ބުނާގޮތުން ރަޝިޔާއާ ދެކޮޅަށް އެޅުމަށް އޮބާމާ އެންމެފަހުން އަމުރުކުރެއްވި ފިޔަވަޅުތައް އަމާޒުކޮށްފައި ވަނީ ރައީސް ވަލްޑިމޭރު ޕޫޓިންގެ ރިޔާސީ ޓީމާ އަރިސް 20 މަސްއޫލުވެރިއަށެވެ. މީގެތެރޭގައި ޕޫޓިންގެ އަރިސް ބޭފުޅެއް ކަމަށްވާ ރަޝިޔާގެ ރޭލްވޭ މިނިސްޓަރު ހިމެނިވަޑައިގެން ނަމަވެސް ރަޝިޔާ ސަރުކާރުގެ ޙައްސާސީ މަގާމެއް އަދާކުރައްވާ އެއްވެސް ބޭފުޅަކު މީގެތެރޭގައި ނުހިމެނޭ ކަމަށް ވެއެވެ. އޮބާމާ އިއްލާން ކުރެއްވި ދެވަނަ މަރްހަލާގެ ފިޔަވަޅުތަކުގެ ތެރޭގައި ވެސް ހިމެނެނީ ފުރަތަމަ މަރްހަލާގެ ފިޔަވަޅުތަކުގެ ތެރޭގައި ވެސް ހިމެނޭފިޔަވަޅުތަކެވެ.
މީގެތެރޭގައި ހިމެނެނީ ޕޫޓިންގެ އަރިސް ބޭފުޅަކު ހިންގާ ބެންކަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ އިތުރުން ޕޫޓިންގެ ރިޔާސީ ޓީމާ އަރިސް 20 މަސްއޫލުވެރިއެއްގެ ބޭންކް އެކައުންޓްތަކާއި އެމެރިކާގައިވާ އެބޭފުޅުންގެ އެސެޓްތައް ފްރީޒް ކުރުމާއި އެބޭފުޅުން އެމެރިކާ އަށް ދަތުރުކުރައްވަން ބޭނުންވާ ވިސާ ނުދިނުން ފަދަ ފަރުދީ ފެންވަރުގެ ފިޔަވަޅުތައް ކަމަށް ޚަބަރުތައް ބުނެ އެވެ.
މީގެއިތުރުން ރަޝިޔާގައި ބާއްވާ ބައިނަލްއަގްވާމީ ބައެއް ބައްދަލުވުންތައް ބޮއިކަޓްކުރުން ފަދަ ކަންކަން ވެސް އޮބާމާ އެޅުއްވި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭކަމަށް ރިޕޯޓްތައްބުނެ އެވެ. ޔުކްރޭންގެ މައްސަލައާ ގުޅިގެން ޔޫރަޕްގެ އިއްތިޙާދުން ވެސް ވަނީ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ އިތުރުފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ދީފަ އެވެ. ނަމަވެސް ރަޝިޔާގެ އިގްތިސާދަށް އެނގުންވާ ފަދަ ފިޔަވަޅުތަކެއް އަޅަން ޔޫރަޕަށް ނުކެރޭނެ ކަމަށް ތަޖްރިބާކާރުން ދެކެ އެވެ.
ސަބަބަކީ ޔޫރަޕްގެ ގިނަ ގައުމުތަކަށް ބޭނުންވާ ތެލާއި ގޭހުގެ 70 އިންސައްތައަށް ވުރެ ބޮޑުބައެއް އެތެރެކުރަނީ ރަޝިޔާއިން ކަމަށްވެފައި ރަޝިޔާގެ ބަދަލުގައި އެހެން ގައުމުތަކުން މިތަކެތި ގެރެންޓީއާ އެކު ހޯދުމަކީ ދިގުމުއްދަތަކުން ނޫނީ ކުރެވޭނެ ކަމަކަށްނުވުމެވެ. މީގެ އިތުރުން ޔޫރަޕްގެ ގިނަ ގައުމުތައް އިގްތިސާދީ ހީނަރުކަމެއްގެ ތެރޭގައިވާ މިދަނޑިވަޅުގައި ރަޝިޔާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަކީ ޚުދު އެކަމުގެ ނޭދެވޭ އަސަރު ޔޫރަޕްގެ ގިނަ ގައުމުތަކަކަށް ވެސް ކުރާނެކަމަކަށް ވާތީ އެވެ. ރަޝިޔާއަކީ އެމެރިކާއާއި ޗައިނާ ފިޔަވައި ޔޫރަޕްގެ އިއްތިޙާދުގެ ވިޔަފާރީގެ ތިންވަނަ ބައިވެރިޔާ އެވެ.
ރަޝިޔާ އިން އެތަށްސަތޭކަ ބިލިޔަން ޑޮލަރެއްގެ މުދާ، ކޮންމެ އަހަރަކު ޔޫރަޕްގެ އިއްތިޙާދުގެ ގައުމުތަކުން ގަންނަމުންދާއިރު ރަޝިޔާ އިން މިވިޔަފާރި ކުޑަކޮށްލައިފި ނަމަ އޭގެބަދަލުގައި އެހެން ބާޒާރެއް ހޯދުމަކީ ކުރިޔަށްއޮތް ހައެއްކަ އަހަރު ތެރޭގައި ވެސް ޔޫރަޕަށް ކުރަން ދަތިވާނެ ކަމެއްކަމަށް އިގްތިސާދީ ރިޕޯޓްތައް ބުނެ އެވެ. އަނެއްކޮޅުން ޔޫރަޕްގެ އެތައް ސަތޭކަ ބިލިޔަން ޑޮލަރެއްގެ އިންވެސްޓްމަންޓްތައް ރަޝިޔާގައި ހުރުމަކީ ވެސް އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއްއަޅަން ޔޫރަޕްގެ އިއްތިޙާދަށް ނުކެރޭނެ އެއް ސަބަބު ކަމަށްވެ އެވެ.
ރަޝިޔާ އިން ވެސް ވަނީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ރައްދުގައި އެމެރިކާގެ ބައެއް މަސްއޫލުވެރިންގެ އެކައުންޓްތަކާއި އެސެޓްތައް ފްރީޒް ކުރުމާއި ރަޝިޔާ އަށް ވަނުމުގެ ވިސާ ނުދިނުންފަދަ އާދައިގެ ފިޔަވަޅުތައް އެމެރިކާއާ ދެކޮޅަށް އެޅިކަން އިއުލާންކޮށްފަ އެވެ. (ނޫސްއެޖެންސީތައް)