21 Mar 2014, 11:06
ސިޔާސީ ކަންކަމަކީ ސިފައިންގެ އެއްވެސް ދައުރެއް އޮތް ކަމެއް ނޫން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސިފައިންގެ ބަނދަރަކާއި ރަށެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ އުތުރު ތިލަފަޅުގެ މަސައްކަތުގެ ދެވަނަ ފިޔަވަހި ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"... އަޅުގަނޑު އެދެނީ ސިފައިންގެ ތެރޭގައި ހަމަޖެހުން އޮތުން. މިކަހަލަ ކުޑަކުޑަ ގައުމެއްގައި ސިޔާސީ އޮއިވަރުގެ ތެރޭގައި ސިޔާސީ ފިކުރުގެ މީހުންނާ ސިޔާސީ މީހުން އުޅުނެއް ކަމަކު އެއީކީ ޔުނީފޯމްގައި ތިއްބަވާ ބޭފުޅުންނަށް އޭގައި ދައުރެއް އޮތް ކަމެއް ނޫން،" ރައީސް ވިދާޅުވިއެވެ.
ސިފައިންނަކީ އަހުލާގު ހުރި، އަހުލާގު ދައްކާ ބަޔަކަށް ވާން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިދާޅުވީ ސިފައިންނަކީ ގައުމަށް އަމާން ކަމާ ރައްކާތެރިކަމާއި އަމާނާތްތެރިކަން ފޯރުކޮށްދޭން ޖެހޭ ބައެއް ކަމަށް ވެސް ވިދާޅުވިއެވެ.
ސިފައިންގެ ހިދުމަތުން ޝަރަފްވެރިކަމާ އެކުގައި ވަކިވެވަޑައިގެން ތިއްބެވި ބޭފުޅުން ވެސް އެގޮތުގެ މަތީގައި ތިއްބެވުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށް ވެސް ރައީސް ޔާމީނު ވިދާޅުވިއެވެ.
" ... ސިފައިންގެ ހިދުމަތުގައި ތިއްބަވާފައި ރިޓަޔާ ކުރައްވާ ބޭފުޅުން ވެސް އެބޭފުޅުންގެ ސާވިސްއަށް އަދިވެސް އިހުތިރާމް ކުރައްވާ އުސޫލުން އިހުތިރާމް ކުރެއްވުމަކީ އަޅުގަނޑު އެދޭ ކަމެއްގެ ގޮތުގައި އޮންނަ ވާހަކަ ތިޔަބޭފުޅުންނަށް އަޅުގަނޑު ހަމަ މިދަންނަވަނީ ކޮންމެވެސް ވަރެއްގެ ހިތްހަމަ ނުޖެހުމަކާ ހިތާމަވެރިކަމެއް މިކަމުގައި މިއަދު އަޅުގަނޑު އިހުސާސްކުރާތީ،" ރައީސް ވިދާޅުވިއެވެ.
ސިޔާސީ ކަންކަމަކީ ސިފައިންގެ ދައުރެއް އޮތް ކަމެއް ނޫންކަމަށް ވިދާޅުވުމުގެ ކުރިން އެމަނިކުފާނު ވިދާޅުވީ ރިޓަޔާ ކުރައްވާފައި ބައެއް ބޭފުޅުންގެ ބަސްމަގާއި އަމަލުފުޅުތައް މިހާރު ހުރި ގޮތުން ، ސިފައިންގެ ހިދުމަތުގައި މިހާރު ތިއްބެވި ބޭފުޅުންނަށް ހިތްޕުޅު ނުތަނަވަސްކަން އަންނަން ޖެހޭ ކަމަށެވެ.
" ... ސިފައިންނަކީ ވަކިކަހަލަ ޑިސިޕްލިންތަކެއްގައި، ވަކި ގޮތަކަށް ބައްޓަން ވެގެން ވަކި ކަހަލަ ތަމްރީނުތަކެއް ލިބިގެން، ގައުމާ ރައްޔިތުންގެ ދިފާއުގައި އެންމެ އިސް ސަފުގައި ހަރަކާތްތެރިވާން ޖެހޭ ބައެއް. ސިފައިންގެ ތެރެއިން ވަކިވުމަކީ މިއަޒުމަކަށް، މިޑިސިޕްލިންއަކަށް ބަދަލު އަންނަން ޖެހޭ ކަމެއް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އަދި އެބޭފުޅުންގެ ބަސްމަގު މިއަދު ހުރި ގޮތުންނާ، އަދި އެބޭފުޅުންގެ އަމަލުފުޅުތައް ބައެއް ބޭފުޅުންގެ މަދުން ނަމަވެސް ހުރި ގޮތުން ސާވިސްގައި މިއަދު މިތިއްބެވި ބޭފުޅުން ކޮންމެވެސް ވަރަކަށް ހިތްޕުޅު ނުތަނަވަސްކަން އެބަ އަންނަން ޖެހޭ،" ރައީސް ވިދާޅުވިއެވެ.