ގދ. ކާޑެއްދޫން ފުރައިގެން މާލެ ދަތުރުކުރަނިކޮށް ގެއްލިގެން ހޯދަމުންދިޔަ ބުލޫ ވޮޔޭޖް ކުރޫސަސްގެ "އަލްދަބަރާން" ސަފާރީން ދަތުރުކުރި މީހުން ފެނިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އެ މީހުން ފެނިފައި ވަނީ ޑިންގީއެއްގައި ތިއްބާ ކަމަށާއި ނަމަވެސް ސަފާރީ އަދިވެސް ނުފެންނަ ކަމަށެވެ. އަދި އެއިން ދަތުރުކުރި އެންމެންގެ ހާލު ރަނގަޅު ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެ ސަފާރީއާއި ގުޅޭގޮތުން ސަފާރީގެ ވެރިފަރާތުން އެންމެ ފަހުން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދިން ގޮތުގައި ސަފާރީގައި އަށް މީހުން ތިބިކަމަށާއި އޭގެ ތެރޭގައި 5 ދިވެހިންނާއި 3 ބިދޭސީން ހިމެނޭކަމަށް އެމްްއެންޑީއެފުން ބުންޏެވެ. ބިދޭސީންގެ ތެރޭގައި ހިމެނޭ 3 މީހުންގެ ތެރެއިން ދެމީހުންނަކީ ބަންގްލަދޭޝްގެ ދެ ރައްޔިތުން ކަމަށާއި ދެން ހުރި ބިދޭސީ މީހާއަކީ އިޓަލީގެ ރައްޔިތެއްކަމަށް ދޯނީގެ ވެރިފަރާތާ ހަވާލާދީ އެމްއެންޑީއެފުން ބުންޏެވެ.

އެއީ ހުދުކުލައިގެ ދަވާދުލާފައިވާ 28 މީޓަރުގެ ދިގު ސަފާރީއެއް ކަމަށާއި އެ އުޅަނދާއި ބެހޭ މައުލޫމާތެއް ލިބޭތޯ ބައްލަވައި ދެއްވުމަކީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ވަރަށް ބޮޑު އެދުމެއް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

މިއުޅަނދާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅައި މައުލޫމާތު ހިއްސާކުރެއްވުމަށް ވެސް އެމްއެންޑީއެފުން ވަނީ އެެދިފަ އެވެ.