ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ރަށްތައް ހިންގުމަށް އިންތިހާބުކުރާ ލޯކަލް ކައުންސިލްތައް މެދުވެރިކޮށްގެން ނޫނީ އަތޮޅާއި ރަށްރަށުގެ ކަންކަން ނުނިންމުމަށް ސަރުކާރުން ބޭނުންވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


ތ. އަތޮޅަށް ރައީސް ނަޝީދު މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގައި އެ އަތޮޅުގެ ކަނޑޫދޫ އާއި ވަންދޫ އަދި ހިރިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ލޯކަލް ކައުންސިލްތަކަކީ ބާރުވެރި ކައުންސިލްތަކަކަށް ހެދުމަށް ސަރުކާރުން ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ ކައުންސިލްތައް މެދުވެރިކޮށްގެން ނޫނީ، ރަށުގެ އަދި އަތޮޅުގެ ކަންކަން ނިންމަމުން ނުގެންދެވޭނެ އިންތިޒާމެއް އެކުލަވާލުމަކީ ސަރުކާރުން ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.


މީގެ އިތުރުން ލާމަރްކަޒީ އުސޫލަށް ސަރުކާރުން ވަކާލާތު ކުރަމުންދިޔަ ސަބަބަކީ، ރަށްރަށުގެ ރައްޔިތުން ރުހޭ ގޮތަށް ރަށްވެހިކަން ކުރިއަށް ގެންދެވިގެން ނޫނީ، ރާއްޖޭގެ ރައްޔިތުންނަށް ހަގީގީ ތަރައްގީ ނުލިބޭނެ ކަމަށް ސަރުކާރުން ދެކޭތީ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.


ރައީސްގެ ވާހަކަފުޅުގައި، 2011 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބައްލަވާލައްވަމުން ވިދާޅުވީ، އެ ބަޖެޓް ބަހާލެވިފައިވަނީ، މީގެކުރީގައި ކަންކުރެވެމުން އައިގޮތާ ވަރަށް ބޮޑަށް ތަފާތުކޮށް ކަމަށެވެ. އަދި މިފަހަރުގެ ބަޖެޓްގެ އެންމެބޮޑު އެއް އަމާޒަކީ، ވަޒީފާގެ ފުރުސަތުތުތައް އުފެއްދުން ކަމަށާއި އެކަން ކުރެވޭނީ އަމިއްލަ ވިޔަފާރި ކުރިއަރުވައިގެން ކަމަށްވާތީ، އެކަމަށް މަގުފަހިކުރުމަށް ސަރުކާރުން ކުރަން ގަސްތު ކޮށްފައިވާ ކަންކަމާ ބެހޭގޮތުންވެސް އެމަނިކުފާނު ވާހަކަފުޅު ދެއްކެވި އެވެ.