19:00


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ހުއްޓާލަން ޖެހުނީ އެމްޑީޕީން މަޖިލީސް ހިސޯރުކޮށްފައިވާތީ ކަމަށް ބުނެ، މަޖިލީސް ހަމަ މަގަށް އެޅުވުމަށްޓައި ޑީއާރުޕީން ބޭއްވި ހިނގާލުން މުޒާހަރާއަކަށް ބަދަލުވެ، އެމްޑީޕީ އާއި ޑީއާރުޕީގެ މެންބަރުންނާ ދެމެދު ހަމަނުޖެހުން ހިނގައިފި އެވެ.


ރައްޔިތުންގެ މަޖިލިސް ހުއްޓުމަކަށް އައުމާ ގުޅިގެން އެ ކަމަށް ނުރުހުން ފާޅުކޮށް، ޑީއާރުޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ބައެއް މެންބަރުންނާއި އެ ޕާޓީއަށް ނިސްބަތްވާ ގިނަ ބަޔަކު ޑީއާރުޕީ އޮފީސް ސަރަހައްދުން ފެށި ހިނގާލުން، ބޮޑުތަކުރުފާނު މަގުން ގޮސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ދާން މަސައްކަތްކުރި ނަމަވެސް، ބޮޑުތަކުރުފާނު މަގުން ބޭންކް އޮފް މޯލްޑިވްސްއާ ހަމައިން ފުލުހުން ބަންދުކޮށްފައި ވާތީ މުޒާހިރާކޮށްފައި ވަނީ އެ ހިސާބުގައި ތިބެގެންނެވެ. އަދި އެ ހިސާބުގައި އެ ވަގުތު އެ ހިސާބުގައި ތިބި އެމްޑީޕީގެ ބައެއް އެކްޓިވިސްޓުންނާ ދެމެދު ހަމަނުޖެހުން ހިނގި އެވެ. އެ ހަމަނުޖެހުމުގައި އެމްޑީޕީގެ އެކްޓިވިސްޓުން ފުލުހުންގެ ސަފުތަކުގެ ތެރެއިން ރައީސް އޮފީހާވީ ފަރާތަށް ގެންދިއުމުން ޑީއާރުޕީގެ މީހުންނަށް އެ ސަރަހައްދަށް ދިއުން މަނާކޮށް އެމްޑީޕީއަށް ތާއީދުކުރާ މީހުން އެ ސަރަހައްދަށް ދިއުމަށް ހުއްދަދިން މައްސަލައިގައި ވެސް ޑީއާރުޕީ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުންނާއި އެކްޓިވިސްޓުން ނުރުހުން ފާޅުކުރި އެވެ.


މި މުޒާހިރާގައި ޑީއާރުޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުން، ރައީސް ނަޝީދުގެ އިސްތިއުފާ އަށް ގޮވި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ހިނގަމުންދާ މައްސަލަތަކަށް ރައީސް ނަޝީދު ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށާއި، ކޮރަޕްޓްވެފައިވާ އޮޑިޓަރ ޖެނެރަލް އިބްރާހިމް ނައީމު ދިފާއުކުރުމަށްޓަކައި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް ހުރަސްއަޅަމުންގެންދާ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އަދި އޮޑިޓަރ ޖެނެރަލް ދިފާއުކުރުމަށް ކިތަންމެ ވަރަކަށް މަސައްކަތްކުރި ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި އޭނާގެ މައްޗަށް އިތުބާރުނެތް ކަމުގެ ވޯޓު ނަގައި މަގާމުން ދުރުކުރާނެ ކަމަށް ވެސް އެ މީހުން ގޮވަމުންދިޔަ އެވެ.


ގާތްގަނޑަކަށް ފަސް ގަޑި ބައިވަންދެން ޑީއާރުޕީގެ މުޒާހިރާ އެ ސަރަހައްދުގައި ކުރިއަށް ގެންދިއުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ގެކޮޅު ކައިރިއަށް އެމްޑީޕީއަށް ނިސްބަތްވާ ބަޔަކު އެއްވެ އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވަން ފެށުމުން ޑީއާރުޕީ މުޒާހިރާގެ ބައިވެރިން އެސަރަހައްދަށްދިޔަ އެވެ. އެކަމުގެ ސަބަބުން އެސަރަހައްދުގައި ވަނީ ހަމަނުޖެހުން ހިނގައިފަ އެވެ.