21 Mar 2014, 02:56
ފަސް މެމްބަރުން ތިއްބަވަންޖެހޭ އިލެކްޝަންސް ކޮމިޝަނެއްގައި ތިން މެންބަރުން ތިބެގެން ރައްޔިތުން މަޖިލިސް ފަދަ ބޮޑު އިންތިހާބެއް ބޭއްވިދާނެ ކަމަށް ގަބޫލުފުޅު ނުކުރުއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާލޭގެ ގޮނޑިތަކަށް ޕީޕީއެމް ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބޭއްވި ކެމްޕެއިން ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ގާނޫނު އަސާސީގައިވާ ގޮތުން އިލެކްޝަން ކޮމިޝަންގައި ފަސް މެމްބަރުން ތިބެ، އެ ކޮމިޝަންގައި އިންތިހާބުވެފައިވާ ރައީސަކު ހުންނަންޖެހޭ ކަމަށެވެ. ނަމަވެސް މި ވަގުތު އެ މަގާމުގައި ހުރީ ތިން މެމްބަރުން އިހްތިޔާރުކޮށްފައިހުރި ވަގުތީ ރައީސްއެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހާއި މެދު ހުރިހާ ރައްޔިތުންވެސް ކަންބޮޑުވާ ކަމަށާއި އެގޮތުން އެ މަޖިލީހަކީ ގާނޫނު އަސާސީން ކުރަންޖެހޭ ކަންތައް ކުރާ މަޖިލީހަކަށް ހެދުމަށް ޕީޕީއެމް ކޯލިޝަންގެ ފިކުރު ތިބި ކެނޑިޑޭޓުން އިންތިހާބް ކުރަންޖެހޭ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހާއި މެދު ހުރިހާ ރައްޔިތުންގެ ޝަކުވާ އޮންނަކަން އެބަ އިނގޭ ކޮންމެ ދުވަހެއްގެ ނޫސް ބަލާލީމަ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ދޭތެރޭގައި ރައްޔިތުންގެ ހިތުގެ ނަފްރަތް އޮންނަ މިންވަރު އެބަ އިނގިގެންދޭ. ފެންނަ ފެނުމުގައި ދިވެހި ރައްޔިތުން މިހާލަތަށް ބަދަލެއް ގެންނަވަން ބޭނުންވާ ކަމެއް އެވަރަކަށް ނޭންގެ،" ރައީސް ޔާމިން ވިދާޅުވި އެވެ.
އެމްޑީޕީއަކީ މެންބަރުންނަކީ "ދައްކާ ވާހަކަ އާއި އަމަލާ ދިމާވާ ނުވާ ބައެއް" ކަމަށް ވިދާޅުވެވާ ރައީސް ޔާމީން ވަނީ މައްޗަންގޮޅީ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ކުރިން ވިދާޅުވެފައިވާ ވާހަކަފުޅަކަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ.
"މާރިޔާ ދީދީ ވަރަށް ފަސޭހަކަމާއި ފަރިތަކަކަމާއި އެކީގައި ވިދާޅުވަމުންދާން، ރައްޔިތުންގެ މަޖިލިސް ބަންދުވެފައި އޮންނަ ކޮންމެ ދުވަހަކީ ރައްޔިތުންގެ ހަޒާނާއިން 400000 ރުފިޔާ ބޭކާރުވެގެންދާ ވާހަކަ. ކޮބައިތޯ އެކަމަނާ މިއަދު. ކޮން ބައެއްތޯ ރައްޔިތުންގެ މަޖިލިސް ބަންދުކޮށްގެން މި އުޅެނީ؟ މިއޮތީ ރައްޔިތުންގެ މަޖިލީހުގެ ދައުރު ފެށިފައި. މިއަދަކު އެ ބޭފުޅުންނެއް 400،000 ރ. ގެއްލޭ ވާހަކައެއް ނުދައްކަވާ،" ރައީސް ވިދާޅުވި އެވެ.
ކުރީގެ ރައީސް ނަޝީދަށް ވެސް މިރޭގެ ޖަލްސާގައި ފާޑުވިދާޅުވެ، ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ނަޝީދުގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހާއި މާލޭ ސިޓީ ކައުންސިލުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބުމުން މާލެއަށް ތަރައްގީއެއް ލިބިފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ، އޭރުގެ ސަރުކާރުގައި ތިއްބެވި ބޭފުޅުން ކުށަށް އަރައިގަތުމަށް ޒުވާނުންނަށް ހިތްވަރު ދެއްވައި އެ ކަމަށް ގޮވާލެއްވުމުން، ކުށްކުރުން މުޖުތަމައު ތެރޭގައި އާއްމުވެގެންދިޔަ ކަމަށެވެ.
"އެހެންނަމަވެސް މާލޭގައި ބައިބައިވެގެން ގޮސް އަދި ކުށަށް އެރުމަށް އޭރުގެ ސަރުކާރުގައި ތިއްބެވި ބޭފުޅުން ހިއްވަރު ދެއްވައި އިސްވެ ގޮވާލުމުގެ ސަބަބުން ޒުވާނުންލައްވާ ކުށްކުރުމަކީ މި މުޖުތަމައުގައި އާއްމުވެގެންދިޔަ ކަމަކަށް ވެގެންދިޔައީ،" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން، ނަޝީދުގެ ވެރިކަމުގައި އެކިއެކި މަޝްރޫއުތައް ހިންގުމަށް ހަވާލުކުރާ ބަޔަކަށް ބަދަލުގައި އެތަށް ފަޅުރަށްތަކާއި މީހުން ދިރިއުޅޭ ރަށްތަކުން ބިންތަކެއް ނުއަގުގައި ދީފައިވާތީ، އެކަމަށް ވެސް އެމަނިކުފާނު ވަނީ އެމްޑީޕީގެ ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ.