21 Mar 2014, 00:24
ރައީސުލްޖުމްހޫރިއްޔާ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފުރަތަމަ ސަތޭކަ ދުވަހު ވެސް މާލޭގެ މަގުތައް އަމާންކަމާ އެކު އޮތީ އެމްޑީޕީން މަޑުން ތިބުމުން ކަމަށާއި "އެ އަމާން ކަން ކަނޑާލުމަކީ އެއްވެސް ކަމެއް ނޫން" ކަމަށް އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
~
އާޓިފިޝަލް ބީޗު ސަރަހައްދުގައި އެމްޑީޕީން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ ރައީސް ޔާމީންގެ ސަތޭކަ ދުވަހަށް ވެސް އެމްޑީޕީން ފުރުސަތު ދީފައިވާ ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ކަނޑުވާލަން އުޅެފި ނަމަ އެމްޑީޕީ މަޑުމަޑުން ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލުމަށް ރައްޔިތުންގެ މަޖިލީހާ ތޮޅެން ނޫޅުއްވާތި. އަޅުގަަނޑުމެނެއް ނުތިބޭނަން މަޑެއްކޮށެއް. [ސަރުކާރުގެ] ސަތޭކަ ދުވަހަށް ވެސް ފުރުސަތުދީފިން. މާލޭގެ މަގުތައް ވަރަށް އަމާނޯ ޔާމީން ވަޑައިގެން ފަހުން. މި އުޅެނީ އަމާންވެގެން އަޅުގަނޑުމެން މަޑުމަޑުން ތިބެގެނޭ މިއުޅެނީ، އަމާންކަން ކަނޑާލަފާނަން އެއްވެސް ކަމެއް ނޫން އެއީއަކީ،" ހުޅުހެންވޭރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ މޫސަ ވިދާޅުވި އެވެ.
އެމްޑީޕީ ރާއްޖޭގެ ވެރިކަމުގައި ތިބެންވެއްޖެއްޔާ ކުރަންޖެހޭ ކަމަކީ އެމްޑީޕީގެ ވެރިކަން ބަގާވާތަކުން ބަދަލު ކުރި ފަރާތްތައް ހިފައި ހައްޔަރުކޮށް އަދަގޮނޑީގައި ބޭތިއްބުން ކަމަށާއި ނަމަވެސް އެއީ އެމްޑީޕީން ގެންގުނު އުސޫލެއް ނޫން ކަމަށް މޫސަ ވިދާޅުވި އެވެ. އެކަމަކު ކުރިއަށް އޮތް ތަނުގައި އެމްޑީޕީގެ ގައުމީ މަޖިލީހުން އެކަމާ މެދު ގޮތެއް ވިސްނަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މޫސަ ވިދާުވީ އެމްޑީޕީ އަބަދުވެސް މަސައްކަތް ކުރާނީ ރާއްޖޭގެ ރައްޔިތުންގެ ތަރައްގީ އާއި ކުރިއެރުމަށް ކަމަށް ކަމަށާއި މި ގައުމު ބަޔަކަށް ވިއްކާލައިގެން ބަޔަކު ހަލާކުކޮށް ފުޑުފުޑުކޮށްލަން އެމްޑީޕީން ނޫޅޭނެ ކަމަށެވެ. އަދި އެމްޑީޕީއަކީ ވެރިކަމެއް ދެމެހެއްޓުމަށް ދިވެހި އެންމެ ރައްޔިތެއްގެ ވެސް ލޭ އޮހުރުވައިލައިގެން އެ ވެރިކަން ދަމަހައްޓާނެ ޕާޓީއެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.