20 Mar 2014, 23:57
ފަނޑިޔާރުގެ އިސްލާޙް ކުރުމަކީ ދައުލަތުގެ އެންމެ އިސްވެރިޔާގެ މައްޗަށް ވާޖިބު ކަމެއް ކަމަށާއި އެކަން ރައީސް އަބްދުﷲ ޔާމީން އިސްނަންގަވައިގެން ކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
"މުޅި ރާއްޖެ ތިލަފަތަށް" މި ނަމުގައި އާޓިފިޝަލް ބީޗު ސަރަހައްދުގައި އެމްޑީޕީން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ފަނޑިޔާރުގެ އިސްލާޙް ކުރާ ވާހަކަ ނުދައްކައި ތިބުމަކީ ރާއްޖޭގެ އިސްތިގުލާލށް ވެސް އަދި އިސްލާމްދީނުގެ ރުކުންތަކާއި ވެސް ހިލާފް ކަމެއް ކަަމަށެވެ. އެހެން ކަމުން ރައީސް ޔާމީން ކަންބޮޑުވެވަޑައިގެންނަވަންވީ ފަނޑިޔާރުގެ އިސްލާހު ކުރާ ވާހަކަ ދައްކާތީ ނޫން ކަމަށާއި އެމަނިކުފާނު ކަންބޮޑުވެ ވަޑައިގެންނަވަންނީ ރާއްޖޭގެ ފަނޑިޔާރުގެތަކުގެ ސަބަބުން މުޅި ދުނިޔެއަށް ފަޟީހަތްވަމުން ދާތީ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ރައީސް އަބްދުﷲ ޔާމީނަށް ދަންނަވާލަން ބޭނުން ވަނީ ފަނޑިޔާރުގެ އިސްލާޙް ކުރާ ވާހަކަ ނުދައްކައި ތިބުމަކީ ދިވެހިރާއްޖޭގެ އިސްތިގުލާލަށް ވެސް އަދި މާތްވެގެންވާ އިސްލާމްދީނުގެ ރުކުންތަކާއި ވެސް ހިލާފް ކަމެކޭ. މި ފަނޑިޔާރުގެއަށް ބަހެއް ބުނުމުން ނޫނޭ މަނިކުފާން ކަންބޮޑުވާންވީކީ ކަމްބޮޑުވެލައްވަންވީ މި ފަނޑިޔާރުގެ އިސްލާޙު ނުވެވާތީވެ. އޭގެ ސަބަބުން ދިވެހިރާއްޖެ މުޅި ދުނިޔެއަށް ފަލީހަތް ވަމުންދާތީވެ. އަޅުގަނޑު ރައީސް ޔާމީނަށް ވަރަށް އިހްލާސްތެރިކަމާއިއެކު ދަންނަވަން މަނިކުފާން އިސްނަންގަވައި މި ފަނޑިޔާރުގެ އިސްލާޙު ކުރައްވާށޭ. މަނިކުފާނަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާ. ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ވާޖިބެއް މި ފަނޑިޔާރުގެ އިސްލާޙް ކުރުމަކީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަށް ފާޑްވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އާ ގާނޫނުއަސީގެ ދަށުން ތިން ބާރު ވަކިކުރެވިފައިވާ ނިޒާމެއް ރާއްޖެއަށް ލިބިފައިވާ ކަމަށާއި އެހެން ނަމަވެސް ރައީސް މައުމޫން މަސައްކަތްޕުޅު ކުރައްވަނީ އެ ނިޒާމް ހިންގިޔަނުދީ ވެރި ކަމަށް އައުމަށް ކަމަށެވެ.
އެމަނިކުފާން ވިދާޅުވީ ރައީސް ޔަމީން ވެރިކަމުގައި ބަހައްޓަވައިގެން ރައީސް މައުމޫން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ ރާއްޖޭގެ ގާނޫނު އަސާސީ ގަޑުބަޑުކޮށް އަލުން އަނބުރާ ރާއްޖޭގެ ވެރިކަމަށް އައުމުގެ މަސައްކަތް ކަމަށެވެ.
ނަޝީދު ވިދާޅުވީ މިހާރު ރާއްޖޭގެ ހާލަތު ބަދަލުވެފައިވާ ކަމަށާއި އެހެން ކަމުން ކުރިއަށް އޮތް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އަގްލަބިއްޔަތު އެމްޑީޕީން ނަގާނެ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ހާލަތު ބަދަލުވެފައިވާކަން ރައީސް މައުމޫނާއި އެމަނިކުފާނަށް ތާއިދު ކުރައްވާ ބޭފުޅުން އެކަން ގަބޫލު ކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.