ފޭދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ބާތިލް ކުރާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން މިއަދު ކުރި ހުކުމް ގަބޫލުފުޅު ނުކުރައްވާނެ ކަމަށާއި އެ ހުކުމް ހައި ކޯޓަށް އިސްތިއުނާފަށް ހުށަހަޅުއްވާނެ ކަމަށް ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.

އަލްހާން މިއަދު ވިދާޅުވީ ސިވިލް ކޯޓުގެ ހުކުމް ހައި ކޯޓަށް އިސްތިއުނާފަށް ހުށަހަޅުއްވާނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ މަޖިލިސް އިންތިހާބަށްފަހު ކަމަށެވެ. އަދި މަޖިލިސް އިންތިހާބަށްފަހު އެ ހުކުމް އިސްތިއުނާފު ކުރަނީ ކުރިއަށް އޮތް ދެ ދުވަހަކީ ކޯޓުތަކާއި ސަރުކާރުގެ އޮފީސްތަށް ބަންދު ދުވަހެއް ކަމަށްވާތީ ކަމަށް އަލްހާން ވިދާޅުވި އެވެ.

ނަމަވެސް ހައި ކޯޓުން މިއަދު ބުނެފައި ވަނީ އަންނަ ހޮނިހިރުދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭ ޝަކުވާގެ މައްސަލަތައް ހުށަހެޅުމަށް އެ ދުވަހު އެ ކޯޓު ހުޅުވާފައި ހުންނާނެ ކަމަށެވެ. ހައި ކޯޓުން އެ ދުވަހު ހުޅުވާފައި ހުންނާނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.

އަލްހާން ވިދާޅުވި ގޮތުގައި މިއަދު ސިވިލް ކޯޓުގެ ކުރި ހުކުމް ބަލައިގަނެވެން ނެތީ ހަ ސަބަބަކާ ހުރެ އެވެ. އެއީ ދެ ފަރާތުން ކުރެ އެއްވެސް ފަރާތަކަށް އިންތިހާބުގެ ކުރިން އެ މައްސަލަ ހުށަނޭޅޭ ގޮތަށް ސިވިލް ކޯޓުން އެ ހުކުމް ކުރުމަކީ "އެކަމުގެ ތެރެއަށް ނާޖާއިޒް ނުފޫޒު ވަދެފައިވާ ކަމެއް ކަން" ގަބޫލު ކުރެވޭ ކަމަށް އަލްހާން ވިދާޅުވި އެވެ.

"މިފަދަ މައްސަލައެއް ހިނގަންޖެހޭ މިންވަރަށް އަވަހަށް މައްސަލަ ނުހިނގައި ވަގުތު ގެއްލުވާލާފައިވާއިރު، ރޭގަނޑު ދަންވަރު ވެސް ވަކި ބަޔަކު ކޯޓު ހުޅުވަން ބޭނުންވީމަ ކޯޓު ހުޅުވައި މައްސަލަ ހިންގަވާފައިވާއިރު، އަޅުގަނޑަށް އެ ފުރުސަތެއް ނުލިބުނު،" މީޑިއާތަކަށް އަލްހާން ފަހުމީ ފޮނުއްވި އެސްއެމްއެސްއެއްގައި ވިދާޅުވެފައިވެ އެވެ.

ފޭދޫ ދާއިރާގެ ޕްރައިމަަރީ ބާތިލް ކުރުމަށް ހުށަހެޅުއްވި ހެކިތައް އެއްވެސް ވަރަކަށް ޝަރުއީ ހަމަޔަކުން ސިވިލް ކޯޓުން ރިޔާއަތްކޮށްފައި ނުވާ ކަމަށް އަލްހާން ވިދާޅުވި އެވެ. އަދި އިންތިހާބެއްގައި ވޯޓުލުމަށް ދެ ލިސްޓެއް ބޭނުން ކުރެވިދާނެ ކަމަށް ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައިވާ ކަމަށް އަލްހާން ތުހުމަތު ކުރައްވާފައިވެ އެވެ.