20 Mar 2014, 22:21
މި ދުވަސްވަރު ހުޅުލެ އާއި ހުޅުމާލެއިން ފެންނަމުންދާ، ފައިދިގު މަކުނުގެ އާއިލާގެ އެންމެ ނުރައްކާތެރި އަދި ވިހަގަދަ "ބްލެކް ވިޑޯ ސްޕައިޑާ" ދަތް އަޅައިފިނަމަ، އެ މީހަކަށް ފިޓް ޖެހި މާ ބަނޑު މީހުން ބައިގެންދާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ބުނެފި އެވެ.
ބްލެކް ވިޑޯ އެއް ދަތް އަޅައިފިނަމަ ފެންނާނެ އަލާމާތްތަކާއި އެކަމުން ރައްކާތެރިވާނެ ގޮތާއި ގުޅޭގޮތުން މިއަދު އެ އެޖެންސީން ނެރެފައިވާ ހެލްތް އެލާޓް ގައި ބުނެފައި ވަނީ ބްލެކް ވިޑޯ ދަތް އެޅުމުގެ ސަބަބުން މީހާ ފިޓް ޖެހި، މާ ބަނޑު އަންހެނުން ބައިގެންދިއުމުގެ އިތުރުން އައްސިވުމާއި ހުންއައިސް ދާހިއްލުމާއި ނޭވާލާން އުދަނގޫ ވާނެ ކަމަށެވެ.
މޭ ނުބައި ކޮށް ނުވަތަ ހޮޑުލުމާއި ބޮލު ގައި ރިއްސުމާއި ލޭގެ ޕްރެޝަރު މައްޗަށް ދިއުމާއި އަނގައިގައި ކުޅު ގިނަވުން ވެސް، ފެންނާނެ ބައެއް ނިޝާންތަކުގެ ތެރޭގައި ހިމެނޭ ކަމަށް އެ އެލާޓްގައި ބުނެފައިވެ އެވެ.
މީގެ އިތުރުން، ދަތްއެޅި ސަރަހައްދު ރަތްވެ ދުޅަވުމާއި، އެ މަކުނު ދަތްއަޅާތާ 15 މިނެޓް ގެ ތެރޭގައި ދަތްއެޅިތަނުން ފެށިގެން ގައި ގެ މަސް ތަކަށް ތަދު ދައުރުވާން ފަށާނެ ކަމަށް ވެސް އެ އެޖެންސީން މައުލޫމާތު ދެއެވެ.
"އުނަގަނޑުން މަތިން ތަނެއްގައި ދަތްއަޅައިފިނަމަ ބޮޑަށް ތަދު ވނަީ މެއަށް. އަދި އުނަގަނޑުން ތިރީގެ ތަނެއްގައި ދަތްއަޅައިފިނަމަ ބޮޑަށް ތަދުވާނީ ބަނޑަށް،" ހެލެތް ޕްރޮޓެކްޝަން އިން ނެރުނު ހެލްތް އެލޭޓްގައި ބުނެފައިވެ އެވެ.
އެ އެޖެންސީން ބުނީ ބްލެކް ވިޑޯއެއް ދަތްއަޅައިފިނަމަ، އޭގެ ވިހަ އަވަހަށް ފެތުރުނަ ނުދިނުމަށް ލަސްނުކުރައްވާ ސައިބޯނި ލައިގެން ދަތްއެޅިތަން ދޮވެ އައިސް އެޅުމަށްފަހު، ދަތްއެޅިތަން މައްޗަށް ވާގޮތަށް ބަހައްޓާ ވީހާވެސް އަވަހަކަށް ސިއްހީ ފަރުވާ ލިބިގަތުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
ރާއްޖެއިން 2006 ވަނަ އަހަރު ވެސް ފެނިފައިވާ ބްލެކް ވިޑޯ ސްޕައިޑާ، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)އިން މިމަހުގެ ތެރޭގައި ފެނުމާއި އެކު، އެޗްޑީސީ އާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ އެ މަކުނު ނައްތާލުމަށް ސްޕްރޭކުރުމުގެ ޕްރޮގްރާމެއް ހިންގާފަ އެވެ.
ސަހަރާ ތެރޭގައި އުޅޭ ނާގަ ހަރުފައަށް ވުރެ ވިހަގަދަ ކަން 15 ގުނަ އިތުރު ބްލެކް ވިޑޯ ސްޕައިޑާއަކީ ކަޅުކުލައިގެ ގާތްގަނޑަކަށް 0.5 އިންޗި ބޮޑު މަކުނެކެވެ. އަދި މި މަކުނުގެ ބަނޑުދަށް ފަރާތުގައި ރަތް އަދި ކަޅުކުލައިން ފާހަގަވާނެހެން، "އަވާ ގްލާސް" ގެ ނިޝާނެއް ފެންނަންހުރެ އެވެ.