20 Mar 2014, 19:36
ރާއްޖޭގައި މަދުވެ ނެތިދަމުން އަންނަ ރިޔަލު އުޅަނދުފަހަރު ދުއްވުމުގެ ސަގާފަތް އާލާކޮށް ދިރުވުމުގެ މަގްސަދުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ސެއިލިން ސްޕޯޓްސް ތައާރަފުކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު ވިލިމާލޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެމްއެންޑީއެފުން ހިންގާ ސެއިލިން ސްޕޯޓްސް ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމެވެ.
މިރަސްމިއްޔާތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ކޮމާންޑަ ކާނަލް މުހައްމަދު އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި މިހަރަކާތަކީ ދިވެހި ރާއްޖޭގައި ޒަމާނުއްސުރެ ކުރަމުން އައި ރިޔަލު އުޅަނދުފަހަރު ދުއްވުން ޒަމާނާ އެއްގޮތަށް ޒުވާނުންނަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތެއްކަމަށް ވިދާޅުވި އެވެ.
ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށްވެފައި ދިވެހިންނަކީ މޫދާ ވަރަށް ބޮޑަށް ގުޅިފައިވާ ބަޔަކަށްވުމާއެކު ކުރިމަގުގައި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުންކަމުގައި ކާނަލް މުހައްމަދު އިބްރާހީމް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކާއި ސިފައިންގެ ސީނިއާ އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ސިފައިންގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯގެ އިސް ފަރާތްތަކުން ބައިވެރިވެވަޑައިގެންނެވިއެވެ.