މި ސަރުކާރު އަބަދުވެސް އޮންނާނީ ރައްޔިތުން ހިއްސާވާ ކުންފުނިތަކުގެ ފަހަތުގައި ކަމަށާއި ސަރުކާރުން އަބަދުވެސް ބޭނުންވަނީ ސަރުކާރުގެ ކުންފުނިތައް ކުރިއަރުވަން ކަމަށް ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބް ވިދާޅުވެއްޖެ އެވެ.

ޔުނީފޯމުގައި ތިބޭ ސްކޫލް ދަރިވަރުންނަށް ހުޅުމާލެ އާއި މާލެއާ ދެމެދު ހިލޭ ދަތުރު ކުރުމުގެ ހިދުމަތް ފެށުމަށް މިއަދު ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި އޮތް ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުން އަދީބް ވިދާޅުވީ އަމިއްލަ ކުންފުނިތަކުން ރައްޔިތުންނަށް އެއްވެސް ފައިދާ އެއް ނުވާނެ ކަމަށާއި ސަރުކާރުން އަބަދު ވެސް ބޭނުންވާނީ ސަރުކާރުގެ ކުންފުނިތައް ކުރިއަރުވަން ކަމަށެވެ.

"މި ސަރުކާރު މި އައީ، ސަރުކާރު ހިއްސާވާ ކުންފުނިތައް ކުރިއަރުވައި، ސްޓްރެޓެޖިކް އިންވެސްޓްމަންޓުތައް ގެނެސް، ދައުލަތް މުއްސަނދި ކުރުމަށް. މި ސަރުކާރުން އައިކީ ދައުލަތުގެ ކުންފުނިތައް އެކަހެރިކޮށް ބަހައްޓާފައި އިތުރު ޕްރައިވެޓް ކުންފުނިތައް އުފައްދައި މިތާގައި އާބާދުކުރާކަށް ނޫން،" އޭނާ ވިދާޅުވި އެވެ.

ހުޅުމާލެއަށް ހާއްސަ ސަމާލު ކަމެއް ދީގެން، އެ ރަށް ކުރިއެރުވުމަށް ހުޅުމާލެ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ސަރުކާރުން ކުރިއަރުވަންޖެހޭ ކަމަށް ފާހަގަކުރައްވައި އޭނާ ވިދާޅުވީ ސަރުކާރުގެ ކުންފުނިތައް މުއްސަނދިކޮށް، ކޮޅަށް ޖެހުމަށް ސަރުކާރުގެ ހުރިހާ ޕްރޮޖެކްޓެއް ވެސް ހަވާލުކުރާނީ ސަރުކާރުގެ ކުންފުނިތަކަށް ކަމަށެވެ.

"އެޗްޑީސީ އަށް ވެސް ދިމާވާ ގާނޫނީ މައްސަލަތަކެއް އެ ބަހުރި. ނަމަވެސް އެކަންތައްތައް ހައްލު ހޯދައި އެޗްޑީސީ ވެސް އަދި އެމްޓީސީސީ ވެސް މިއަށްވުރެ ވަރުގަދަ އަށް ކޮޅަށްޖަހައި، ސަރުކާރުގެ ހުރިހާ ޕްރޮޖެކްޓްތައް އެބޭފުޅުންނާ ހަވާލުކޮށްގެން ދައުލަތުގެ ކުންފުނިތައް މުއްސަނދިކޮށް، ދައުލަތަށް އެންމެ ގިނަ ހިދުމަތްތައް ދައުލަތުގެ ކުންފުނިތަކުން ދޭގޮތަށް ހަމަޖައްސާނަން،" އަދީބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ ކުންފުނިތައް ކުރިއެރުވުމަށް ސިޓީ ކައުންސިލުންނާއި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އަބަދުވެސް "އުދަނގޫ" ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ އެޗްޑީސީ ސިޓީ ކައުންސިލްގެ ދަށަށް ނުގޮސް އޮތުމުން ހުޅުމާލޭގެ ބިންތައް ސަލާމަތްވެފައިވާ ކަމަށާއި މި ސަރުކާރަކުން "ބިންތައް ރަށްޓެހިންނަށް ބައިގެން ކަންތައްތައް ކުރާކަށް ނޫޅޭނެ" ކަމަށެވެ.