20 Mar 2014, 18:29
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ 213 ސިފައިންނަށް ޝަރަފުގެ ނިޝާން ދީފި އެވެ.
ޝަރަފުގެ ނިޝާނަކީ ޚިދުމަތް ފާހަގަކޮށް އަގުވަޒަންކުރުމުގެ ގޮތުން ދޭ ޝަރަފްގެ ނިޝާނެކެވެ. އެ ނިޝާން ރަމްޒުކޮށްދެނީ އެމީހެއްގެ އަގުހުރި ޚިދުމަތާއި ޚިދުމަތުގައި ހޯދާ ކާމިޔާބީއާއި ދައްކުވައިދޭ ހުނަރާއި ތަމްސީލްކުރާ ރިވެތި އަޚުލާގެވެ.
ބަންޑާރަކޮށީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ޝަރަފްގެ ނިޝާން ލިބުނު ސިފައިންނަށް ޝަރަފުގެ ނިޝާން ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަޙުމަދު ޝިޔާމެވެ.
އެމްއެންޑީފްގެ ވެބްސައިޓުގައި ބުނެފައި ވާ ގޮތުން އެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަޙްމަދު ޝިޔާމް ދެއްކެވި ވާހަކަފުޅުގައި ސިފައިންނަށް ދެވޭ ޝަރަފުގެ ނިޝާނަކީ އެއްވެސް މީހަކަށް އަތުލެވޭނެ އެއްޗެއް ނޫން ކަމަށް ވިދާޅުވި އެވެ. އަދި އެ ނިޝާނަކީ އެ މީހަކު ކޮށްފައި ހުރި މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ ޝަރަފެއް ކަމަށް ޝިޔާމް ވިދާޅުވި ކަމަށް އެމްއެންޑީއެފްގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.
ޝަރަފުވެރި މެހުމާނުގެ ވާހަކަފުޅު އިތުރަށް ކުރިއަށް ގެންދަވަމުން ވިދާޅުވީ ސިފައިންގެ އަޚުލާޤީ ފެންވަރު ރަނގަޅުކުރުމަށްޓަކައި ހެވިކަން، ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށާއި ހެވިކަމަކީ ޝައުޤުވެރިކަމާއެކު ކުރާހިތުން ކުރާ ކަމެއްގެ ގޮތުގައި ކޮންމެ ސިފައިންގެ މީހަކު ވެސް ކުރަން ޖެހޭނެ ކަމެއްކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ސިފައިން މިހާރު ކުރަމުންދާ މަސައްކަތްތަކަށް އަލި އަޅުވާލައްވައެި އެމަނިކުފާނު ވިދާޅުވީ ސިފައިން ކުރަމުންދާ މަސައްކަތްތަކަކީ ސިފައިންގެ ކުރިމަގާ ގުޅިފައިވާ މަސައްކަތްތަކެއް ކަމަށެވެ.
ޝަރަފްގެ ނިޝާން ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަރަފްގެ ނިޝާން ލިބުނު ސިފައިންގެ ތެރެއިން އިޚްލާސްތެރި ޚިދުމަތުގެ މެޑެލި ދެ ފަރާތަކަށާއި ސިފައިންގެ ޚިދުމަތުގެ މެޑެލި ދިހަ ފަރާތަކަށް އަދި އަޚުލާޤީ މެޑެލި ނުވަ ފަރާތަކަށް ލިބިފައިވެ އެވެ.
މީގެއިތުރުން، ސިފައިންގެ ޚިދުމަތުގެ ކުލަ 15 ފަރާތަކަށާއި އަޚުލާޤީ ކުލަ އެއްވަނަ ފަހަރަށް 54 ފަރާތަކަށާއި އަޚުލާޤީ ކުލަ ދެވަނަ ފަހަރަށް 19 ފަރާތަކަށް އަދި އަޚުލާޤީ ކުލަ ތިންވަނަ ފަހަރަށް 29 ފަރާތަކަށް ލިބިފައިވެއެވެ. އަދި އިޚުލާސްތެރި ޚިދުމަތުގެ ކުލަ 42 ފަރާތަކަށާއި ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލަ 25 ފަރާތަކަށް ލިބިފައިވެއެވެ.