ހޮނިހިރު ދުވަހު ބާއްވާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކެމްޕެއިން ކުރުން މަނާ ގަޑި ތަކުގައި ކެންޑިޑޭޓުން ކެންޕެއިން ކުރާނަމަ އެކަމުގެ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހަބުގައި ކެންޕެއިން ކުރުން މަނާ ގަޑި ތަކުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ހޯދުމަށް ނުވަތަ އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ކުޑަވާފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކުރާނަމަ އެކަމުގެ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ކޮމިޝަނުން ހުޅުވާލާފައިވާ ކަމަށެވެ.

ކެމްޕެއިން ކުރުން މަނާ ގަޑިތަކަކީ މާދަމާ އިރުއޮއްސި 6:00 ފެށިގެން އާދީއްތަ ދުވަހުގެ ހެނދުނު 6:00 އަށެވެ.

ކެންޕެއިން ކުރުން މަނާ ގަޑި ތަކުގައި ކެންޕެއިން ކުރާނަމަ ރަށްރަށުގައި ނަމަ ޝަކުވާތައް ބަލައިގަތުމަށް ހަމަޖައްސާފައި ވަނީ އެ ރަށެއްގައި ގާއިމް ކޮށްފައިވާ އިލެކްޝަންސް ކޮމިޝަންގެ ފޯކަލް ޕޮއިންޓުންނެވެ. އަދި އަތޮޅުތަކުގައި ގާއިމް ކޮށްފައިވާ އިލެކްޝަންސް ކޮމިޝަންގެ އަތޮޅު އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިޔުރޯތަކުން ކަމަށް ކޮމިޝަންގެ އިއުލާނުގައި ބުނެފައިވެ އެވެ.

ކޮމިޝަންގެ އިލާނުގައި ބުނެފައިވާ ގޮތުން މާލޭގައި ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ އިދާރާގައި ގާއިމްކޮށްފައިވާ ގައުމީ ކޮމްޕްލެއިންޓްސް ބިޔުރޯއިން ކަމަށެވެ.

ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކެންޕެއިން ކުރުން މަނާ ގަޑިތަކުގައި ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މާދަމަ ހަވީރު 18:00 އިން ފެށިގެން ހޮނިހިރު ދުވަހު ހެނދުނު 7:00 އަށެވެ.