ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ބައެއް ކެންޑިޑޭޓުންގެ ނަމުގައި، އެކި ސަރަހައްދުތަކުން ވޯޓު ހޯދުމަށް ފައިސާ އާއި ހަދިޔާ ފަދަ ތަކެތި ރައްޔިތުންނަށް ދެމުންދާ ކަމަށް ބުނެ ފުލުހުންނަށް ހުށަހަޅާ ޝަކުވާ އިތުރުވަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަމުގައި ފައިސާ ބެހުމާއި ހަދިޔާފަދަ ތަކެތި ބެހުމަކީ އިންތިޚާބުތަކާ ބެހޭ އެންމެހައި ޤާނޫނުތަކުން މަނާކޮށްފައިވާ ކަންކަމެވެ.

ފުލުހުން ބުނީ އެފަދަ ކަންކަމަކީ ރައްޔިތުންގެ މެދުގައި އޮންނަ މަސްލަހަތު ގެއްލި ބައިބައިވުން އުފެދި އަމާން އިންތިޚާބަކަށް ކުރަމުންދާ މަސައްކަތަށް ހުރަސްއެޅޭ ކަމެއް ކަމަށެވެ. އެއްވެސް ކެންޑިޑޭޓަކު އަދި ކެންޑިޑޭޓުންގެ މަންދޫބުން ވެސް، ސިޔާސީ ޕާޓީއަކުން ވެސް އެފަދަ ޢަމަލުތައް ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ފުލުހުން ބުނީ އިންތިޚާބާ ގުޅިގެން ހިންގާ އެފަދަ ކަންކަން އިލެކްޝަންސް ކޮމިޝަނާ ގުޅިގެން ބަލަމުން އަންނަ ކަމަށެވެ. އަދި ކެންޑިޑޭޓުންގެ ނަމުގައި ނުވަތަ ކެންޑިޑޭޓަށް ތާއީދު ކުރާ ބައެއްގެ ގޮތުން ވެސް ވޯޓު ހޯދުމަށް ފައިސާ ބެހުމާއި ހަދިޔާބެހުން ފަދަ ކަންކަން ކުރާ ފަރާތްތަކުން އެކަންކަން ހުއްޓާލުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ބައެއް ކެންޑިޑޭޓުން ހަދިޔާ ބަހާ ކަމުގެ ޝަކުވާ ފުލުހުންނަށް ހުށަހަޅަމުންދާ އިރު، މާލެ އާއި ރާއްޖެތެރޭގައި ފާޅުކަން ބޮޑު ގޮތެއްގައި ދަނީ އެފަދަ ހަދިޔާ ބަހާ ތަފާތު ނަންނަމުގައި ކޭމްޕްތައް ބާއްވަމުންނެވެ.