ސްކޫލް ނިންމާ ދަރިވަރުން ވަޒީފާ އަށް އަހުލުވެރިކުރުމަށް ފަށާފައިވާ "ދަސްވާރު" ޕްރޮގްރާމް އަންނަ މަހު މާލޭގެ ހުރިހާ ސްކޫލްތަކަށް ތައާރަފްކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ވަޒީފާ އާއި ތަމްރީނު ދިނުމުގެ ފުރުސަތުތަކަށް ދަރިވަރުން އަހުލުވެރިކުރުމަށް ފަށާފައިވާ އެ ޕްރޮގްރާމް އިއްޔެ ތައާރަފްކޮށް، ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ މަޖީދިއްޔާ ސްކޫލުގަ އެވެ. އެގޮތުން އެ ސްކޫލުގެ 26 ދަރިވަރަކު މަސައްކަތުގެ މާހައުލަށް ނެރުމަށް ފެނަކަ ކޯޕަރޭޝަނާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި އެކު ވަނީ އިއްޔެ ސޮއި ވެސް ކޮށްފަ އެވެ.

"ދަސްވާރު" ޕްރޮގްރާމާއި ގުޅޭގޮތުން "ސަން" އަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ ޑިރެކްޓަރު އައިމިނަތު އާސްރާ ވިދާޅުވީ، ގްރޭޑް 10 ގައި އުޅޭ ކުދިންނަށް ހިންގާ އެ ޕްރޮގްރާމް އަންނަ މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި މާލޭގެ ސްކޫލްތަކުގައި ފަށާއިރު، އަތޮޅު ތެރޭގެ ސްކޫލްތަކަށް ވެސް ވަރަށް އަވަހަށް އެ ޕްރޮގްރާމް ތައާރަފްކުރާނެ ކަމަށެވެ.

"އެ ޕްރޮގްރާމް ގްރޭޑް 10 އަކަށް އަމާޒުކުރާއިރު، އެ ގްރޭޑްގައި އުޅޭ ކިޔެވުމަށް ދަށް ދަރިވަރުންނަށް އިސްކަމެއްދެވޭނެ. އެއީ އަސްލު އެކުދިން ކިޔެވުމުން ދަށްވީމަ، ވަޒީފާ އެއް ނުލިބި، އެކުދިން ސްކޫލް ނިންމުމަށްފަހު ގްރޫޕްތަކާއި ގުޅިގެން މަގުމައްޗަށް މިނުކުންނަނީ. މި ޕްރޮގްރާމްގެ ސަބަބުން އެފަދަ ދަރިވަރުންނަށް ކޮންމެވެސް ވަރެއްގެ ވަޒީފާއެއްގެ ހުނަރު ދަސްވީމަ ވަޒީފާއަކަށް ނުކުންނަން ބާރު އެޅޭނެ،" އާސްރާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަސްވާރު ޕްރޮގްރާމްގައި ދަރިވަރުން ބައިވެރިވަނީ ކުދިންނާއި ބެލެނިވެރިން ވެސް އެދިގެން ކަމަށެވެ. އަދި ޕްރޮގްރާމްގައި ބައިވެރިވާ ކުދިން ޖީސީއީ އޯލެވެލް އިމްތިހާން ހަދާކަށް ނުޖެހޭނެ ކަމަށާއި ނަމަވެސް އެ ކުދިން ބައިވެރިވާ ސްކޫލަކުން އެ އިމްތިހާނުގައި ބައިވެރިކުރުވާނަމަ އެކަން އެޑިއުކޭޝަން މިނިސްޓްރީން ނުހުއްޓުވާނެ ކަމަށް އާސްރާ ވިދާޅުވި އެވެ.

ނަމަވެސް އެ ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުން، ވަޒީފާ އަދާކުރާ ތަނެއްގައި ހަ މަސް ދުވަހު މަސައްކަތް ކުރަންޖެހޭއިރު، އެ ކުދިން ސްކޫލަށްވެސް ހާޒިރުވާންޖެހޭނެ ކަމަށް އާސްރާ ވިދާޅުވި އެވެ. އެގޮތުން ކޮންމެ ހަފްތާއަކު ތިން ދުވަހު ވަޒީފާއަށް ނުކުމެ، ދެ ދުވަހު ސްކޫލަށް ހާޒިރުވާންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖީސީއީ އޯ ލެވެލް އަކީ ވެސް އެމްކިއުއޭ އެޕްރޫވަލް އެއްޗެއް. ދަސްވާރު ޕްރޮގްރާމްގެ ދަށުން އެކުދިން ވަޒީފާއަށް ނުކުމެ، ވަޒީފާގެ ހުނަރު ދަސްވިކަމުގެ ސެޓްފިކެޓް ތިނެއްގެ ސެޓްފިކެޓެއް އެކުއްޖަކަށް ލިބޭނެ. އަދި އެއީ ޖީސީއީ އޯ ލެވެލް އާއި އެއްފެންވަރުގެ ސެޓްފިކެޓެއް،" އާސްރާ ވިދާޅުވި އެވެ.

ޕްރޮގްރާމަށް ގިނަ މުއައްސަސާތަކުން އެއްބާރުލުން ދެމުން އަންނަ ކަމަށް ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެ ޕްރޮގްރާމްގެ ދަށުން ކުދިންނަށް ވަޒީފާ ދޭއިރުގައި ބައެއް ތަންތަނުން އެލެވަންސް ވެސް ދޭނެ ކަމަށެވެ.

"އެ ޕްރޮގްރާމްގެ ދަށުން ކުދިންނަށް ވަޒީފާ ދިނުމަށް އެސްޓީއޯ، ނަސަންދުރާ ޓްރޭޑާސް، އެޗްއައިއެޗް ފަދަ ތަންތަންވަނީ ހަމަޖެހިފައި. ދެން ދިރާގުވެސް އަދި ވިލާ ކޮލެޖުންވެސް އެތަނުގެ އެޑްމިނިސްޓްރޭޝަން ދާއިރާއިން ވަޒީފާ ދޭގޮތަށް އޮތީ. މީގެ އިތުރުން އެމްއެންޑީއެފުން މެރިން ސެކިއުރިޓީއިން ހާއްސަ ޓްރެއިނިންއެއް ދޭން ނިންމާފައިވޭ،" އޭނާ ވިދާޅުވި އެވެ.