އޮސްޓްރޭލިއާގެ ސެޓްލައިޓުން ފެނިފައިވާ، ބައިތަކަކީ މެލޭޝިއަން އެއާލައިންސްގެ ފްލައިޓް 370ގެ ބައިތަކެއް ކަމަށް ވެދާނެ ކަމުގައި މެލޭޝިއާގެ ވަގުތީ ޓްރާންސްޕޮޓޭޝަން ސެކްރެޓަރީ ހިޝާމުއްދީން ހުސެން ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހިޝާމުއްދީން ވިދާޅުވީ، ސެޓެލައިޓް އިމޭޖުން ދެއްކި ދެ އެތިކޮޅު ފެނުމުން އިތުރު އުންމީދެއް އާވެފައިވާ ކަމަށެވެ.

"މިއީ ލިބުނު ވަރަށް ބޮޑު ލީޑެއް، މި އެތިކޮޅުތަކަކީ ފްލައިޓްގެ ފަހަތުކޮޅު ކަމަށް ވެދާނެ،" ހިޝާމުއްދީން ވިދާޅުވި އެވެ. "މި އެތިކޮޅުތައް ފެނުމަކީ ލިބުނު އުންމީދެއް. މިގޮތަށް އުންމީދުތައް ލިބޭނަމަ، އަހަރެމެން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނަން."

ފްލައިޓްގެ ފަހަތު ބައި "ޓެއިލް"ގެ ދިގު މިނުގައި 18 މީޓަރު ހުރި އިރު، ސެޓްލައިޓުން ފެނުނު ދެ އެތިކޮޅުގެ ތެރެއިން އެކަތީގައި ހުރީ 24 މީޓަރެވެ.

"ދުނިޔޭގެ އާއިލާތަކަށް އެންމެ ބޭނުންވާ އެއް މައުލޫމާތަކީ ފްލައިޓާއި ބެހޭ މައުލޫމާތު. އެމީހުން ބޭނުން ވަނީ ފްލައިޓްވީ ހިސާބު ބަލަން. އެ ހުރިހާ މައުލޫމާތެއް އަދި ލިބިފައެއް ނެތް." ހިޝާމުއްދީން ވިދާޅުވި އެވެ.

މިދިޔަ 8 ވަނަ ދުވަހު ގެއްލުނު ފްލައިޓް 370 ވީތަނެއް ނޭނގި ގެއްލުނީ 239 ފަސިންޖަރުންނާއެކު އެވެ. މިއަދު އެ ފްލައިޓް ގެއްލުނުތާ ތޭރަ ދުވަސް ވާނެ އެވެ.