އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ހުއްޓުވުމުގެ އަމުރެއް ނެރެ ދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ޒުވާނުން ގޮފީގެ ރައީސް މޫސާ އަންވަރެވެ.

ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅުއްވުމަށް ފަހު "ސަން"އަށް މައުލުމާތު ދެއްވަމުން މޫސާ އަންވަރު ވިދާޅުވީ އިންތިހާބު ފަސް ކުރުމުގެ އަމުރަކަށް އެދުނީ ގާނޫނު އަސާސީގެ 168 ވަނަ މާއްދާގައި ބުނެފައިވާ ގާނޫނީ އަދަދަށް އިލެކްޝަންސް ކޮމިޝަންގެ ފަސް މެމްބަރުން ހަމަނުވާތީ ކަމަށެވެ. އަދި މަޖިލީހުން އެ ކޮމިޝަނަށް ފަސް މެމްބަރުން އައްޔަން ކުރަންދެން އިންތިހާބު ނުބޭއްވުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި އެދިފައިވާނެ ކަމަށް މޫސަ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ގޮނޑިގެއްލިއްޖެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ކުރި ހުކުމަށް ގޮންޖަހައި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ނައިބު ރައީސް އަހުމަދު ނާޒިމް "ޣައިރު ދުސްތޫރީ އަމަލު" ހިންގާފައި ވާތީ އެ ދެ ބޭފުޅުންގެ މަޖިލިސް މެމްބަރުކަން ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ވެސް އެދިފައިވާނެ ކަމަށް އެނާ ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބު ހުއްޓުވުމުގެ އަމުރަކަށް އެދި މޫސާ އަންވަރު ވަނީ އިއްޔެ ވެސް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވި އެވެ. ނަމަވެސް އިއްޔެ ހުށަހެޅުއްވި ކޯޓުން ބަލައި ނުގަތުމުން، އަލުން އެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ މިއަދު މެމްދުރުފަހު އެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ ބަލައިގަތް ކަމެއް އެ ކޯޓުން އަދި ހާމައެއް ނުކުރެ އެވެ.