ދަރިފުޅު ހަވާލުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދުކޮށްފި
ޖަރުމަނުގެ ރައްޔިތެއް ކަމަށް ތާނިޔާ ޝަރުއާން އާއި އޭނާގެ ފިރިމީހާ ސ. މަރަދޫ، ކަންމަތީގޭ، އަހުމަދު ޝަރުއާން އަށް ލިބިފައިވާ ކުއްޖާ ކުއްޖާގެ މަންމަ ތާނިޔާއާ ހަވާލު ކުރުމަށް ފެމެލީ ކޯޓުން ނެރުނު ވަގުތީ އަމުރަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.

ހައިކޯޓުން އެގޮތަށް ހުކުމް ކޮށްފައި ވަނީ ފެމެލީ ކޯޓުގެ އަމުރު ޝަރުވާންގެ ފަރާތުން އެ ކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެލުމަށްފަހު އެވެ.

ހައިކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ފެމެލީ ކޯޓުގެ ގަވާއިދަށް ބަލާއިރު އާއިލީ މައްސަލައެއްގައި ވަގުތީ އަމުރަކަށް އެދުމުން އެފަދަ އަމުރެއް ނެރެންޖެހޭތޯ ބަލައި އެފަދަ އަމުރެއް ނެރުމަކީ އެންމެ އަދުލުވެރިގޮތްކަމަށް ކޯޓަށް ފެނިއްޖެ ނަމަ އަމުރު ނެރުމުގެ އިޚްތިޔާރު ކޯޓަށް ލިބިދީފައިވާ ކަމަށެވެ.

އެ ހުކުމްގައި ބުނެފައި ވަނީ ވަގުތީ އަމުރާ ގުޅޭ މައްސަލައިގެ ހަގީގަތުގެ މައްޗަށް ބަލާއިރު، ފެމެލީ ކޯޓަށް ހުށަހެޅިފައިވާ މައްސަލައާ މެދު އެ ކޯޓުން ވަކިގޮތެއް ނިންމުމުގެ ކުރިން އުމުރުން އެންމެ ފަސް މަހުގެ ތުއްތު ކުއްޖަކު އެ ކުއްޖާގެ މަންމައާ ވަކިކޮށް މަންމަގެ ނުރުހުމުގައި ގެންދިޔުމަކީ އެ ކުއްޖާ އަށް ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށެވެ.

އެކަމުގެ ސަބަބުން ދެމައިންގެ ހައްގަށް އުނިކަމެއް އައުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ބެލެވިދާނެ ކަމަށާއި އެހެންކަމުން އެފަދަ ހާލަތުގައި އެވަގުތަށް ފެންނަން ހުރި ހަގީގަތްތަކާއި ކަންކަމުގެ މައްޗަށް ބަލައި ކުއްޖާގެ މަސްލަހަތަށް ރިއާޔަތްކޮށް ވަގުތީ އަމުރެއް ނެރެވިދާނެ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.