20 Mar 2014, 13:51
އެންމެ ފަހުގެ އިނގިރޭސި ޕްރިމިއާ ލީގު ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިދާނެ ކަމުގައި އެކްލަބުގެ ކޯޗު ޑޭވިޑް މޮއިސް ބުނެފި އެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ދެވަނަ ލެގުގައި ރޭ 3-0 ލަނޑުން އޮލިމްޕިއާކޮސް އަތުން މޮޅުވެ، 3-2 ލަނޑުގެ އެގްރިގޭޓަކުން ޔުނައިޓެޑް ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. މެޗުގައި ޔުނައިޓެޑް މޮޅުވީ އެޓީމުގެ ނެދަލޭންޑްސް ފޯވަޑް ރޮބިން ވެން ޕާސީގެ ހެޓްރިކާ އެކު އެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ދަތުރުކުރުމާ އެކު ހަތަރުވަނަ ފަހަރަށް ޔުނައިޓެޑަށް އެ މުބާރާތް ކާމިޔާބުކުރެވިދާނެ ކަމަށް މޮއިސް ގަބޫލުކުރެ އެވެ.
"ކުއާޓާގެ ގުރުލުން ކޮންމެ ގޮތަކަށް ދިޔަކަމުގައި ވިޔަސް، ޔުނައިޓެޑުން މެޗުތަކަށް ނުކުންނާނީ ވަރުގަދަ ޓީމެއްގެ ގޮތުގައި،" މޮއިސް ބުންޏެވެ. "ޔުނައިޓެޑަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވޭނެ ކަމަށް އަހަރެން ގަބޫލުކުރަން. އަހަރެމެންގެ އެންމެ ރަނގަޅު ކުޅުން ދައްކާނަމަ، އެކަމަކީ ނުވާނެ ކަމެއް ނޫން. ކޮންމެ ޓީމަކާ ދެކޮޅަށް ވެސް އަހަރެމެންނަށް ނުކުމެ މޮޅުވެވިދާނެ."
ގްރީސް ޗެމްޕިއަން އޮލިމްޕިއާކޮސްއާ ދެކޮޅަށް ޔުނައިޓެޑްގެ ކުޅުންތެރިން ދެއްކި މޮޅު ކުޅުމަށް މޮއިސް ވަނީ ތައުރީފްކޮށްފަ އެވެ.
"މެޗުގައި ޔުނައިޓެޑް ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރަށް މޮޅު ކުޅުމެއް. ކޮންމެ ކުޅުންތެރިއެއް ވެސް އެ ކުޅުންތެރިއެއްގެ ޒިންމާ ވަރަށް ރަނގަޅަށް އަދާކުރި. މި ސީޒަނުގައި އޯލްޑް ޓްރެފަޑްގައި ޔުނައިޓެޑްގެ ފަރާތުން ފެނިފައި ނުވާ ކުޅުމެއް ފެނިގެން އެދިޔައީ." މޮއިސް ބުންޏެވެ.