"އަހަރަކު 80،000 ރުފިޔާ ޚަރަދު އެބަވޭ މެމްބަރުންނަށް ބޭނުންވާ ކަރުދާހަށް އެކަނި. އެއީ އަދި ޕްރިންޓް ކުރަންދާ ޚަރަދާއި މެޝިންތަކުގެ މެއިންޓަނެންސްއަށްދާ ޚަރަދު ނުލައި. އަދި މުވައްޒަފުންނަށް ދާ ޚަރަދު ވެސް އޮތީ،" ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އެސިސްޓަންޓް ޑިރެކްޓާ އަހްމަދު މުސްތޮފާ މިއަދު ވިދާޅުވި އެވެ.


މުސްތޮފާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި މެމްބަރުންނާ އިދާރީ މޭޒުން ބޭނުންކުރާ ކަރުދާހުގެ ޚަރަދު ކުޑަކޮށް، މުވައްޒަފުން އެންމެ އެކަށީގެންވާ ގޮތުގައި ބޭނުންކުރުމުގެ މަގުސަދުގައި މަޖިލީހުގެ ޗެމްބާ "ކޮމްޕިއުޓަރައިޒް" ކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. އެގޮތުން މާޗް 1، 2011 ގައި އަންނަ އަހަރުގެ މަޖިލީހުގެ ފުރަތަމަ ދައުރު ފެށޭއިރު، މަޖިލީހުގެ ހުރިހާ މެމްބަރުންގެ މޭޒުކޮޅުގައި "ޓަޗް ސްކްރީން" ބަހައްޓަން ހަމަޖައްސާފައިވާ ކަމަށް ކަމަށް މުސްތޮފާ ވިދާޅުވި އެވެ.


މުސްތޮފާ ވިދާޅުވީ، ދިވެހި ކުންފުންޏެއް ކަމަށްވާ ރޯސް ވެއާ މެދުވެރިކޮށް 83 ސިސްޓަމް މިހާރު ވެސް ގެނެސްފައިވާ ކަމަށެވެ. އެއީ މަޖިލީހުގެ 77 މެމްބަރުންނަށާއި ރިޔާސަތުގެ ބޭނުމަށާއި އިދާރީ މޭޒުގެ ބޭނުމަށް ގެނައި ދެ ސިސްޓަމުގެ އިތުރުން މަޖިލީހުގެ ޖަލްސާތަކަށް ބޭރުން ވަޑައިގަންނަވާ ބޭފުޅުންނަށް ޚާއްސަ ކޮށް ބަހައްޓާ ހަތަރު ސިސްޓަމެވެ. 


އެ ޓަޗް ސްކްރީންތައް ގަންނަން ޚަރަދުވީ 1.7 މިލިއަން ރުފިޔާ ކަމަށާއި މުޅި ޕްރޮޖެކްޓަށް ޖުމްލަ ޚަރަދުވާނެ ކަމަށް އެސްޓިމޭޓްކޮށްފައި ވަނީ ދެ މިލިއަން ރުފިޔާ ކަމަށް ވެސް މުސްތޮފާ ވިދާޅުވި އެވެ.


"އަޅުގަނޑުމެން އެސްޓިމޭޓްކޮށްފައި އޮތީ ދެ މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް. އެކަމަކު އަދި ބޭނުންވާ ތަކެތި ގެންނަން ޚަރަދުވީ ސަތާރަ ލައްކަ ރުފިޔާ. ދެން އެ އެއްޗެހި އިންސްޓޯލްކުރުމަށާއި ސޮފްޓްވެއާ ގަންނަން އިތުރަށް ޚަރަދު ދާނެ. އެކަމަކު އެސްޓިމޭޓްކުރި ވަރަށް ވުރެ ކުޑަކޮށް ނިންމާލެވޭނެ ކަމަށް މި ބެލެވެނީ،" އޭނާ ވިދާޅުވި އެވެ.


މުސްތޮފާ ވިދާޅުވި ގޮތުގައި، މެމްބަރުންގެ މޭޒުކޮޅުގައި ބަހައްޓާ ޓަޗް ސްކްރީންތައް ހުންނާނީ ނެޓްވޯކް އަކުން ގުޅާލެވިފަ އެވެ. ޔޫސާ ފްރެންޑްލީ ނުވަތަ ބޭނުންކުރަން ވަރަށް ފަސޭހަ ގޮތަކަށް ފަރުމާކޮށްފައިވާ 'މިރެކްލް' ބްރޭންޑްގެ އެ ސިސްޓަމްތައް މެދުވެރިކޮށް، މަޖިލީހުގެ އިދާރީ މޭޒުން ހުށަހަޅާ ލިޔެކިޔުންތަކާއި، ޤާނޫނުތަކާއި ބިލުތަކާއި މަޖިލީހުގެ ތާވަލުގެ އިތުރުން ކޯރަމް އާ ބެހޭ މައުލޫމާތާއި އަދިވެސް ގިނަ ބައިތަކެއް ފެންނަން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.


"މަޖިލީހުގެ ހުރިހާ ލިޔެކިޔުންތަކެއްގެ އާކައިވް [އަރުޝީފު] ސިސްޓަމުން ފެންނާނެ،" އޭނާ ވިދާޅުވި އެވެ.


މީގެ އިތުރުން، އެ ސިސްޓަމްތަކަކީ ކަރަންޓު ޚަރަދު ކުޑަކޮށް އޮޕަރޭޓްކުރާ އެއްޗެހި ކަމަށާއި އެހެންކަމުން، މަޖިލީހުގެ ކަރަންޓު ބިލު އިތުރަށް ބޮޑުވާނެ ކަމަށް ނުބެލޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ސިސްޓަމްތައް އިންސްޓޯލްކުރުމުން ޗާޕްކުރާ ކަރުދާހުގެ އަދަދުވެސް މަދުވެގެންދާނެ ކަމަށް ވިދާޅުވި އެވެ.


އެހެންނަމަވެސް، މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތަކަށް ބޭނުންވާ ލިޔެކިޔުންތައް ޗާޕްކުރާނެ އެވެ. މުސްތޮފާ ވިދާޅުވި ގޮތުގައި، ކޮމިޓީގެ ބައްދަލުވުންތައް ކުރިއަށްގެންދާ ރޫމްތައް ކޮމްޕިއުޓަރައިޒް ކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރިއަށް އެބަދެ އެވެ.