ގެދޮރުވެރިކުރުން ޕްރޮގްރާމުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކަށް މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ބަދަލުތަކެއް ގެނެސްފި އެވެ.

ހައުސިން މިނިސްޓްރީން މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ފޯމާއެކު އުފަން ދުވަހުގެ ސެޓްފިކެޓް ހުށަހަޅަންޖެހޭ ގޮތަށް ކުރިން އޮތް ނަމަވެސް އައިޑީ ކާޑުގެ އަސްލާ އެއްގޮތް ކޮޕީ ހުށަހެޅުމުން ރަނގަޅުވާނެ ކަމަށެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ ފްލެޓް ފޯމާއެކު 18 އަހަރުން ދަށުގެ ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓުގެ އިތުރުން އައިޑީކާޑުގެ އަސްލާ އެއްގޮތް ކޮޕީ ވެސް ހުށަހަޅަންޖެހޭނެ ކަމަށެވެ.

ގޭގެ ރަޖިސްޓްރީ ނުވަތަ މާލޭގައި ރަށްވެހިވެފައިވާ ލިޔުމުގެ އަސްލާ އެއްގޮތް ކޮޕީ ވެސް ފޯމާއެކު ހުށަހަޅަންޖެހޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ.

ފޯމުގައި ބުނެފައިވާ ގޭގެ ކުރެހުން ހުށަހަޅާއިރު އެއީ ކޮންމެހެން އާކިޓެކްޓަކު ކުރަހާފައި ކުރެހުމެއް ކަމުގައި ނުވި ނަމަވެސް ގޭގެ މިންތައް އެނގޭ ގޮތަށް ދެ ހެކިންގެ ސޮޔާއެކު ކުރެހުމެއް ހުށަހެޅުމުން ފުދޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ.

ކެޓަގަރީ ދޭއްގެ ފޯމު ހުށަހަޅާ ފަރާތްތަކުން މާލޭގައި އުޅެފައިވާކަން ސާބިތު ކުރުމަށް ސްކޫލް ލީވިން ސެޓްފިކެޓް ނުވަތަ އޮފީހެއްގައި އުޅެފައި ހުރި ކަމުގެ ލިޔުން ފަދަ ލިޔުމެއް ނުވަތަ އުޅެފައި ހުރި ގޭގެ ވެރި ފަރާތުގެ ލިޔުމެއް އޭނާގެ އައިޑީކާޑުގެ ކޮޕީއާއެކު ހުށަހަޅަންވާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.