އައިލެންޑް ޑިވެލޮޕްމަންޓް އެންޑް އެންވަޔަރަންމެންޓަލް އެވެއާނެސް ސޮސައިޓީ (އައިޑިއާސް) އިން އިންތިޒާމު ކޮށްގެން ބާއްވާ ފުޓްސަލް މުބާރާތް "އައިޑިއާސް ކަޕް" މި އަހަރުވެސް ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.

މި މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު މަޤުސަދަކީ އެ ޖަމްއިއްޔާއިން ހިންގާ އެކިއެކި އިޖުތިމާއީ ހަރަކާތްތަކަށް ބޭނުންވާ ފަންޑު ހޯދުމަށް ކަމުގައި ސަން އަށް މައުލޫމާތު ދެއްވަމުން އައިޑިއާސްގެ ރައީސް އިބްރާހިމް ޝިއާއު ވިދާޅުވި އެވެ.

"މިދިޔަ އަހަރު މި މުބާރާތުގައި ބައިވެރިވީ 16 ޓީމު. މިއަހަރު 32 ޓީމު ބައިވެރިވާނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަން. މި މުބާރާތުގެ މަގްސަދަކީ ޖަމްއިއްޔާއިން ހިންގާ ހަރަކާތްތަކަށް ބޭނުންވާ ފަންޑު ހޯދުން. މުބާރާތުގައި ބައިވެރިވުމަށް ސަރުކާރު އޮފީސްތަކާއި ކުންފުނިތަކާއި އަމިއްލަ ކުންފުނިތާކާއި ހޯމް މިނިސްޓްރީގައި ރަޖިސްޓަރީ ކުރެވިފައިވާ ޖަމްއިއްޔާތަކަށް މިހާރު ވާނީ ހުޅުވާލައިފައި." ޝިއާއު ވިދާޅުވި އެވެ.

އެ ޖަމްއިއްޔާއިން ހިންގާ އިޖްތިމާއި ކަންކަމުގެ ތެރޭގައި ތިމާވެށި ހިމާޔަތް ކުރުމުގެ ހަރަކާތްތަކާއި އަދި އެކަމަށް އާންމުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތަކާއި، ޒުވާނުންނަށް ހާއްސަކޮށްގެން ފަންނީ އެކިއެކި ކޯސްތައް ހިންގުމާއި، ޒުވާނުން އަދި ހާއްސަކޮށް އަންހެނުން ބާރުވެރިކުރުމަށް ހޭލުންތެރިކަމުގެ ވޯކްޝޮޕްތައް ހިންގުމާއި، ކުޅިވަރާއި ސަގާފަތް ދިރުވައި އާލާ ކުރުމުގެ ހަރަކާތްތައް ހިމެނޭ ކަމަށް އައިޑިއާސްއިން މައުލޫމާތު ދެއެވެ.

މިމުބާރާތް ހުޅުވާލެވިފައި ވަނީ ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކާއި، ކުލަބް ޖަމިއްޔާ ޖަމާއަތްތަކަށް ކަމުގައި އެ ޖަމްއިއްޔާއިން ބުންޏެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެކަމަށް އެދި ފޯމު ހުށަހެޅުމަށް ވެސް އެ ޖަމިއްޔާއިން އެދެ އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާގެ އިނާމެއް ލިބޭއިރު، ރަނަރަޕް ޓީމަށް ލިބެނީ 10،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

މާފަންނު ސްޓޭޑިއަމްގެ މިނީ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ އައިޑިއާސް އިން އިންތިޒާމްކުރާ ފުޓްސަލް މުބާރާތް ކުރިއަށްދާނީ އަންނަ މެއި މަހުގެ ނުވަ ވަނަ ދުހުން ފެށިގެން ޖޫން މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމުގެ އިތުރުން ފެއާ ޕްލޭ ޓީމާއި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި ކޮންމެ މެޗެއްގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވުމަށް ހަމަޖެހިފައިވެ އެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ މިދިޔަ އަހަރުގެ މުބާރާތުގެ ވެސް އެކްސްކްލޫސިވް ސްޕޮންސަރުން ކަމަށްވާ ރީފްސައިޑް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑް އެވެ.