20 Mar 2014, 12:05
އޭޓީއެމް އިން ފައިސާ ނަގާއިރު އެކައުންޓުން ފައިސާ ކެނޑުނު ނަމަވެސް މެށިނުން އެ ފައިސާ ނުލިބުން ފަދަ މައްސަލަތައް ދެ ދުވަހުގެ ތެރޭގައި ހައްލުކޮށްދޭނެ ކަމަށް ގައުމީ ބޭންކް، ބީއެމްއެލް އިން ބުނެފި އެވެ.
ބީއެމްއެލްގެ މާކެޓިން ޑިރެކްޓަރު ރިފްއަތު މުހައްމަދު މިއަދު "ސަން" އަށް ވިދާޅުވީ އެފަދަ މައްސަަތަކުގައި ބަންދު ނޫން ދެ ދުވަހުގެ ތެރޭގައި އަނބުރާ ފައިސާ ޖަމާކޮށްދޭނެ ކަމަށެވެ.
"އެކައުންޓުން ފައިސާ ނަގާއިރު އެކައުންޓުން ފައިސާ ކަނޑާފައި އޭޓީއެމުން ފައިސާ ނުލިބޭނަމަ އަޅުގަނޑުމެން އެފަދަ މައްސަލަ ތައް ދެ ދުވަހުގެ ތެރޭގައި ހައްލުކޮށްދެން. ހަމަ ބެންކަށް އަންގަވަން ޖެހޭނީ،" ރިފްއަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެމީހެއްގެ ކޭޝް ކާޑު އަނެއް މީހާއަށް ދިނުމަކީ ކުށެއް ކަމަށާއި އެފަދަ ގޮތްގޮތަށް އަމަލު ކުރުމުން ފައިސާ ނެގުމަށް ފަހު، ފައިސާ ނުނެގޭ ކަމަށް ވެސް ބައެއް މީހުން ބުނެ އޮޅުވާލާފައި ހުންނަ ކަމަށެވެ. އަދި ބީއެމްއެލްގެ ސެކިއުރިޓީ ސިސްޓަމްތައް ވަރަށް ފެންވަރު ރަނގަޅު ކުރެވިފައިވާކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ސެކިއުރިޓީ ސިސްޓަމް ތައް ވަނީ ވަރަަށް ރަނގަޅު ކުރެވިފައި، އެފަދަ ގޮތްގޮތަށް އޮޅުވާލާނަމަ ހެކި ދެއްކޭވަރަށް ސެކިއުރިޓީ ސިސްޓަމް ވަނީ ހަރުދަނާ ކުރެވިފައި" ރިފްއަތު ވިދާޅުވި އެވެ.
ކޭޝް ކާޑުން ވައްކަންކޮށްފައިވާ ކަމަށް ބުނެ ދޮގު މައުލޫމާތު ދެމުންދާ ކަމަށް ފުލުހުން ވެސް ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ ކޭޝް ކާޑުގެ ވެރިފަރާތަށް ނޭނގި އެކައުންޓުން ފައިސާ ނަގާފައިވާކަމަށް ބުނެ އޮޅުވާލައި، ދޮގު މައުލޫމާތުދީ ބައެއް ފަރާތްތަކުން ފުލުހުންނަށް މައްސަލަ ހުށަހަޅަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އަދި އެގޮތަށް ދޮގު މައުލޫމާތު ދިން ބައެއް ފަރާތްތަކުގެ މައްސަލަ ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ.