ރިސޯޓެއްގެ ގޮތުގައި އދ. އަތޮޅުގައި ތަރައްގީ ކުރަމުން އަންނަ ރަށެއްގައި މަސައްކަތް ކުރަމުން ދިޔަ ހަ ބިދޭސީއަކުވެގެން ދިވެހިންތަކަކަށް އަނިޔާކޮށް ރަހީނު ކުރި ދިވެއްސަކު ފުލުހުން ސަލާމަތްކޮށްފި އެވެ.

ފުލުހުން ބުނީ ރަހީނުކޮށްފައި ވަނީ ބިދޭސީންތައް މަސައްކަތްކުރާ ގުރޫޕްގައި އިސްކޮށް ހުރި ދިވެހި މީހާ ކަމަށެވެ. އަދި އެމީހުން ހަމަނުޖެހުން ހިންގައި ދިވެހި މީހާ ރަހީނުކޮށްފައި ވަނީ މުސާރަ ނުދީގެން ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އެ ރަށުގައި ރަހީނުކޮށް ބަނދެފައި އިން ދިވެހި މީހާ ސަލާމަތްކޮށްފައި ވަނީ މަހިބަދޫ ޕޮލިސް ސްޓޭޝަނާއި ދަނގެތި ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަންގައި އިއްޔެ މެންދުރު 1:45 ހާއިރު އެވެ.

ފުލުހުން ބުނީ އެ ރަށުގައި މަސައްކަތް ކުރާ 31 ބިދޭސީއަކު ވެގެން އިއްޔެ ހެނދުނުން ފެށިގެން ހިންގި ހަމަނުޖެހުމުގައި ހައްޔަރުކުރި ހަ މީހުންގެ ތެރޭ ހިމެނެނީ އުމުރުން 25 އަހަރާއި 35 އަހަރާ ދެމެދުގެ ބަންގުލަދޭޝް ހަ މީހެކެވެ.

އެ ހަ މީހުން ހައްޔަރުކޮށްފައި ވަނީ އިއްޔެ ހެނދުނުން ފެށިގެން އެ ރަށުގައި މަސައްކަތް ކުރާ ބިދޭސީން ހިންގަމުން ދިޔަ ހަމަނުޖެހުންތަކުގައި އެ ރަށުގައި މަސައްކަތްކުރާ ދިވެހިންތަކަކަށް އަނިޔާކޮށް މާރާމާރީ ހިންގުމަށް ފަހު އެމީހުން މަސައްކަތްކުރާ ގްރޫޕްގެ އިސްކޮށް އުޅޭ ދިވެހި މީހާ ރަހީނުކޮށް އެމީހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް މާރާމާރީގައި މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

ފުލުހުން ބުނީ އެރަށުން މާރާމާރީ ހިންގުމަށް ބޭނުންކުރާ ޒާތުގެ ލަޓިބުރިއާއި ދަނގަޑު ހޮޅިބުރީގެ އިތުރުން ކަތިވަޅިއާއި ކަޓަރުފަދަ ތަކެތި ބިދޭސީން ދިރިއުޅޭ ކޮޓަރިތެރޭގައި ރައްކާކޮށްފައި ހުއްޓާ ފުލުހުން ހޯދާފައިވާ ކަމަށެވެ.