20 Mar 2014, 10:35
މިދިޔަ ފެބުރުއަރީ މަހު ރާއްޖެ އަށް ޓޫރިސްޓުން ޒިޔާރަތް ކުރި އަދަދު މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 5.7 ޕަސެންޓް އިތުރުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ފެބުރުއަރީ މަހު ރާއްޖެ އަށް 110705 ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ރާއްޖެ އައިސްފައި ވަނީ 104745 ޓޫރިސްޓުންނެވެ. އެހެންކަމުން އެއީ 5.7 ޕަސެންޓް އިތުރު އަދަދެކެވެ.
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ފެބުރުއަރީ މަހު އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޗައިނާއިންނެވެ. އެ ގައުމުން 33213 ޓޫރިސްޓުން އައިސްފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 1.1 ޕަސެންޓް ދަށް އަދަދެކެވެ.
ސަރަހައްދުތަކަށް ބަލާ އިރު މިދިޔަ ފެބުރުއަރީ މަހު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓް އިން އައިސްފައި ވަނީ ޔޫރަޕް ސަރަހައްދުންނެވެ. އެގޮތުން އެސަރަހައްދުން 55780 ޓޫރިސްޓުން އަ އެވެ. އަދި އޭޝިއާ ސަރަހައްދުން 48765 ޓޫރިސްޓުން ރާއްޖެ އަށް އައިސްފައިވާ އިރު އެމެރިކާ ބައްރުން 2915 ޓުރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. ހުރިހާ ސަރަހައްދަކުން އައި ޓޫރިސްޓުން އައި މިންވަރު ވެސް ވަނީ އިތުރުވެފަ އެވެ.
މިއަހަރުގެ ފެބުރުއަރީ މަހުގެ ނިޔަލަށް ރާއްޖެ އަށް 216001 ޓޫރިސްޓުން އައިސްފައިވެ އެވެ. އެއީ މިދިޔަ އަހަރާއި އަޅާބަލާ އިރު 11.6 ޕަސެންޓް އިތުރު އަދަދެކެވެ.