20 Mar 2014, 10:26
އިނގިރޭސިވިލާތުގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ އޭންޑީ މަރޭގެ ކޯޗުކަމުން އިވާން ލެންޑީ ދުރުވެއްޖެ އެވެ.
ދެެ އަހަރު ދުވަހު މަރޭގެ ކޯޗުކަމުގައި ހުރި ލެންޑީ ދުރުވީ ދެ ފަރާތް އެއްބަސްވުމަށް ފަހު އެވެ. ލެންޑީގެ ކޯޗުކަމުގެ ދަށުން މަރޭ ވަނީ 2012 ވަނަ އަހަރުގެ ޔޫއެސް އޯޕަން އާއި އޮލިމްޕިކްސް ރަން މެޑަލް އެއް އަދި މިދިޔަ އަހަރުގެ ވިމްބަލްޑަން މުބާރާތް ކާމިޔާބުކޮށްފަ އެވެ.
ކޯޗުކަމުން ދުރުވި ލެންޑީ ކޮށްދިން ހިދުމަތްތަކަށް މަރޭ ވަނީ ޝުކުރު އަދާކޮށް، ލެންޑީ ކައިރިން ދަސްވި ކަންތައްތަކުގެ ސަބަބުން ކުރިއަށް އޮތްތާ ފައިދާވާނެ ކަމުގައި ބުނެފަ އެވެ.
"އަހަރެންގެ ހިތުގެ އެންމެ ފުންމިނުން ލެންޑީ ކޮށްދިން ބުރަ މަސައްކަތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" އުމުރުން 26 އަހަރުގެ މަރޭ ބުންޏެވެ. "އަހަރެމެން ޓީމެއްގެ ގޮތުގައި ގިނަ ކަންތައްތަކެއް ދަސްކުރިން. އަދި އެކަންތައްތަކުގެ ސަބަބުން ކުރިއަށް އޮތްތާ ގިނަ ފައިދާތަކެއް ވާނެ."
މަރޭގެ ކޯޗުކަމުން ދުރުވި ޗެކް ރިޕަބްލިކްގެ ލެންޑީ ބުނީ، އޭނާ ދެން ބޭނުންވަނީ އަމިއްލަ ޕްރޮޖެކްޓްތަކާ އެކު ކުރިއަށް ދާން ކަމަށާއި މަރޭ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް ކަމަށެވެ.
"މަރޭ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. ކުރިއަށް އޮތްތާ މަރޭ އަށް ކާމިޔާބީ އަށް އެދެން،" ލެންޑީ ބުންޏެވެ.
"އަހަރެން ދެން ކުރިއަށް ދާން ބޭނުންވަނީ އަމިއްލަ ޕްރޮޖެކްޓުތަކާ އެކު. މަރޭއާ އެކު ހޭދަކުރި ދުވަސްތަކަކީ އަހަރެންނަށް އުފާވެރި އަދި ކާމިޔާބީ ދުވަސްތަކެއް."