20 Mar 2014, 10:08
އޮސްޓްރޭލިއާގެ މެރިޓައިމް އޮތޯރިޓީއަށް ސެޓެލައިޓް އިމޭޖަރީ އިން ފެނިފައިވާ، އެމް އެޗް 370ގެ ބައިތަކެއް ކަމަށް ބެލެވޭ ދޭތީގެ ތެރެއިން އެކަތީގައި 24 މީޓަރު އެބަހުރި ކަމަށް އެގައުމުން ބުނެފި އެވެ.
ދާދި ދެންމެ ބޭއްވި ނޫސްކޮންފަރެންސްގައި އޮސްޓްރޭލިއާ މެރީޓައިމް އޮތޯރިޓީގެ އޮފިޝަލް ޖޯން ޔަންގް ވިދާޅުވީ ސެޓެލައިޓް އިމޭޖަރީއަށް ދޭތި ފެނިފައި ވަނީ އޮސްޓްރޭލިއާގެ ޕާތުގެ ހުޅަނގު ދެކުނުން 2300 ކިލޯމީޓަރު ބޭރުން ކަމަށެވެ. އޭނާ ވިދާޅުވީ އެދޭތި ހޯދުމަށް މިހާރު ހަތަރު މަތިންދާބޯޓު ފޮނުވާފައިވާ ކަމަށެވެ.
ނަމަވެސް އެދޭތި ހޯދުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށާއި އެއީ އެމްއެޗް 370ގެ ބައިތަކަކަށް ނުވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެއީ ކަނޑުބޯޓުފަހަރު ގިނައިން ދަތުރުކުރާ މަގަކަށް ވުމުން އެއީ ކޮންމެ އެއްޗަކަށް ވެސް ވެދާނެ. މިސާލަކަށް ބޯޓަކުން ވެއްޓިފައިވާ ކޮންޓޭނާއަކަށް ވެސް ވެދާނެ. އަހަރެމެން އެންމެ އިސްކަމެއް މިދެނީ އެތަކެތި ހޯދުމަށް. ދެން އެދޭތި ރަނގަޅަށް ބެލީމާ އެނގޭނީ. " އޭނާ ވިދާޅުވި އެވެ.
އޮސްޓްރޭލިއާ އިން ބުނެފައި ވަނީ އެމްއެޗް 370 ގެ ބައިތަކެއް ކަމަށް ވެދާނެ އެދޭތި ފެނުނަސް ، ބޯޓް ހޯދުމަށް ކުރަމުން އަންނަ އެހެން މަސައްކަތްތައް އަދި ހުއްޓައި ނުލާނެ ކަމަށެވެ. މެލޭޝިއާ އެއާލައިންގެ ބޯޓު ގެއްލުނީ މިމަހުގެ އަށް ވަނަ ދުވަހު މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުން ޗައިނާގެ ބެއިޖިންއަށް ދަތުރުކުރަނިކޮށެވެ. އެބޯޓުން ފަޅުވެރިންނާ އެކު ޖުމްލަ 239 މީހުން ދަތުރުކުރިއެވެ. ބޯޓް ހޯދަން 26 ގައުމެއްގެ ކަނޑާއި ވައިގެ ސިފައިން އަންނަނީ މަސައްކަތްކުރަމުންނެވެ. ބޯޓު ގެއްލުނުތާ މިއަދަށް 12 ދުވަސް ވަނީ އެވެ.