އިނގިރޭސިވިލާތުގައި މުއްސަނދިން އިތުރަށް މުއްސަނދިވެ ފަގީރުން އިތުރަށް ފަގީރުވަމުންދާކަން ކަމާބެހޭ އާ ސާވޭއަކުން ހާމަވެއްޖެ އެވެ. މިސާވޭން ހާމަވެފައިވާ ގޮތުގައި، އިނގިރޭސި މުއްސަނދި ފަސް އާއިލާއަކަށް ލިބޭ އާމްދަނީ އެގައުމުގެ އާބާދީގައި ހިމެނޭ މެދުފަންތީގެ 12.6 މިލިޔަން މީހުންނަށްވުރެ ލިބޭ އާމްދަނީ އަށްވުރެ އިތުރެވެ.

އިންސާނީ އެހީގެ ދާއިރާގައި ހިލޭ ސާބަހަށް މަސައްކަތްކުރާ އިނގިރޭސި ޖަމްއިއްޔާއެއް ކަމަށްވާ "އޮކްސްފާމް" އިން ކުރި މިދިރާސާގެ ނަތީޖާ ދައްކާގޮތުން ފާއިތުވި 20 ވަރަކަށް އަހަރުތެރޭގައި އިނގިރޭސިވިލާތުގެ މުއްސަނދިންނާއި ފަގީރުންގެ ދެމެދުގައިވާ އާމްދަނީގެ ތަފާތުވަނީ ވަރަށްބޮޑަށް ބޮޑުވެގެން ގޮސްފަ އެވެ. މިގޮތުން ފާއިތުވި ވިއްސަކަށް އަހަރުތެރޭގައި އިނިގިރޭސި މުއްސަނދި އާއިލާތަކަށް (އާބާދީގެ އެންމެ 0.1 ޕަސެންޓް) ލިބޭ އާމްދަނީ ހަތަރު ގުނައަށް ބޮޑުވެފައިވާއިރު އާބާދީގެ 90 ޕަސެންޓް ހިމެނޭ އެހެން ރައްޔިތުންގެ އާމްދަނީ މިމުއްދަތުގައި އިތުރުވެފައިވަނީ ވަރަށް ކުޑަމިންވަރެކެވެ.

މި ސާވޭގެ ނަތީޖާ ދައްކާގޮތުން އިނގިރޭސި މުއްސަނދި އާއިލާތަކަށް ލިބޭ އާމްދަނީ، އެވްރެޖްގޮތެއްގައި އަހަރަކު 24،000 ހާސް ސްޓާލިން ޕައުޑުގެ ރޭޓުން އިތުރު ވެފައިވާއިރު އާބާދީގައި ހިމެނޭ އެހެން އާއިލާތަކުގެ އާމްދަނީ އެވްރެޖްގޮތެއްގައި އަހަރަކު އިތުރުވެގެން ގޮސްފައި ވަނީ 1000 ޕައުޑުން ދަށުގެ ރޭޓަކުންނެވެ. މިސާވޭން ހާމަވެފައިވާ ގޮތުގައި އިނގިރޭސިވިލާތުގައި ފަގީރުންގެ ނިސްބަތް މަދުވުމުގެ ބަދަލުގައި ދަނީ އިތުރުވަމުންނެވެ.

މިގޮތުން ޗެރިޓީ ޖަމްއިއްޔާތަކުން ހިންގާ ފުޑްބޭންކްތަކުން ހިލޭ ބަހާ ކާބޯތަކެތިން ބަނޑުފުރާނަ މުއްތިކޮށްގެން އުޅޭ ވަކިވަކި ފަރުދުންނާއި އާއިލާތައް އިތުރުވެފައިވާކަން މިސާވޭއިން ހާމަވެފައިވެ އެވެ.

އޮކްސްފާމްގެ ޑައިރެކްޓަރެއް ކަމަށްވާ ބެން ފިލިޕްސް ވިދާޅުވިގޮތުގައި އިނގިރޭސި ސަރުކާރުތައް ވަނީ މުއްސަނދިންނާއި ފަގީރުންގެ ފަރަގު ކުޑަކުރުމާއި އެފަރަގު ބޮޑުވިޔަނުދީ ހިފެހެއްޓޭފަދަ އިގްތިސާދީ އަދި އިޖްތިމާއީ ސިޔާސަތު ތަކެއް ގެންގުޅުމުގައި ނާކާމިޔާބުވެފަ އެވެ.

މި ނާކާމިޔާބީއާ އެކު އިނގިރޭސި މުޖްތަމައު މިހާރު ބެހިފައިވަނީ މުއްސަނދިންގެ މުއްސަނދިކަން ހައްދުފަހަނަޅާފައިވާ އަދި އާމްދަނީ ކޮންމެ ދުވަހަކު އިތުރުވަމުންދާ މަދުއަދަދެއްގެ މުއްސަނދި އެލީޓް ގްރޫޕަކާއި ކޮންމެ ދުވަހެއްގެ ބޭނުންތަކަށްޓަކައި ބުރަކޮށް މަސައްކަތްކޮށްގެން ކިރިޔާ ދެކޮޅު ޖެހޭވަރުގެ އާމްދަނީއެއްލިބޭ މެދުފަންތީގެ ބޮޑު އާބާދީ އަކާ އަދި ފަގީރުންގެ އާބާދީއެއްގެ މައްޗަށް ކަމަށް ބެން ފިލިޕްސް ވިދާޅުވި އެވެ. (ބީ.ބީ.ސީ)