ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފަހު ދެ ޖާގަ އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑާއި ޖަރުމަނުގެ ބޮރޫސިއޯ ޑޯޓްމުންޑް ހޯދައިފި އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ދެވަނަ ލެގުގައި ރޮބިން ވެން ޕާސީގެ ހެޓްރިކަކާއެކު ގްރީސްގެ އޮލިމްޕިއާކޮސް އަތުން 3-0 ލަނޑުން މޮޅުވެ، ޔުނައިޓެޑް ކުއާޓާ އަށް ދަތުރުކުރީ 3-2 ލަނޑުގެ އެގްރިގޭޓަކުންނެވެ. ޒެނިތު ސެއިންޓް ޕީޓަސްބާގް 2-1 ލަނޑުން މޮޅުވި ނަމަވެސް، ޑޯޓްމުންޑް ކުއާޓާ އަށް ދަތުރުކުރީ 5-4 ލަނޑުގެ އެގްރިގޭޓަކުންނެވެ.

އަމިއްލަ ދަނޑުގައި އޮލިމްޕިއާކޮސްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފްގެ ތެރޭގައި ދެ ލަނޑު ކާމިޔާބުކޮށް ޔުނައިޓެޑުން ވަނީ އެގްރިގޭޓުން އެއްވަރުކޮށްފަ އެވެ. ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީއަކުން ވެން ޕާސީ ކާމިޔާބުކުރި އިރު، ދެވަނަ ލަނޑު އޭނާ ކާމިޔާބުކުރީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގަ އެވެ.

މެޗުގައި އޮލިމްޕިއާކޮސް އަށް ލަނޑު ޖަހާނެ ތިން ފުރުސަތެއް ލިބިފައިވާ އިރު، އެ ހަމަލާތައް ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެ ހެއާ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ. މެޗުގައި ޕާސީގެ ހެޓްރިކް ފުރިހަމަކުރީ 51 ވަނަ މިނެޓްގަ އެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުގެ 16 ވަނަ މިނެޓްގައި ޒެނިތަށް ލީޑު ހޯދައިދިނީ ބްރެޒިލް ފޯވަޑް ހަލްކް އެވެ. ނަމަވެސް މެޗުގެ 38 ވަނަ މިނެޓްގައި ޑޯޓްމުންޑް އަށް ސެބަސްޓިއަން ކޭލް ކާމިޔާބުކޮށްދިން ލަނޑާއެކު ޒެނިތަށް އިތުރު އުނދަގޫތަކަކާއި ކުރިމަތިވި އެވެ. މެޗުގައި ޒެނިތުން ކާމިޔާބުކުރި ފަހު ލަނޑު 73 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ހޯސޭ ރޮންޑޮން އެވެ. މިމެޗުން ޒެނިތު މޮޅުވި ނަމަވެސް އެގްރިގޭޓުން އެޓީމަށް އެއްވެސް ފައިދާއެއް ނުލިބުނެވެ.