20 Mar 2014, 09:32
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު، އަދި އިދިކޮޅު އެންމެ މުހިއްމު ލީޑަރު ބޭގަމް ޚާލިދާ ޒިއާއާ ދެކޮޅަށް އުފުލިފައި ވާ ފަސާދައިގެ ތުހުމަތުތަކުގެ ޝަރީއަތް އަންނަ މަހު ފަށާން، ޑާކާގެ ކޯޓަކުން ނިންމައިފި އެވެ.
އިތުރު ވަގުތަށް އެދި ބޭގަމް ޚާލިދާގެ ގާނޫނީ ވަކީލުން ހުށަހެޅި ހުށަހެޅުމަށް އިންކާރު ކުރުމަށް ފަހު، ކޯޓުން ނިންމައިފައި ވަނީ އަންނަ މަހުގެ 21 ވަނަ ދުވަހު، ޝަރީއަތް ފެށުމަށެވެ.
ޚާލިދާ ޒިއާގެ އިތުރުން، އިދިކޮޅު އެހެން ލީޑަރުންތަކެއްގެ މައްޗަށް ވެސް ފަސާދައިގެ ތުހުމަތުތައް ވަނީ އުފުލިފަ އެވެ. މި ހުރިހާ ބޭފުޅުންގެ މައްޗަށް ވެސް ކުރެވިފައި ވާ ތުހުމަތަކީ ސަދަގާތް ފަންޑުތަކުން އެތައް ލައްކަ ޑޮލަރެއް މަކަރާ ހީލަތުން ނެންގެވި ކަމުގެ ތުހުމަތެވެ. މި ތުހުމަތުތަކަށް، ބޭގަމް ޚާލިދާ އާއި، ތުހުމަތު ކުރެވޭ އެކަމަނާގެ އަރިސް ބޭފުޅުން ވަނީ އިންކާރު ކުރައްވައިފަ އެވެ.
ބަންގްލަދޭޝްގެ ޕްރޮސެކިއުޝަނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، ބޭގަމް ޚާލިދާ އާއި، އެކަމަނާގެ ވަރަށް އަރިސް، އަދި ބީއެންޕީގެ ވަރަށް އިސް، ތިން ލީޑަރަކު ވަނީ ސަދަގާތް ފަންޑަކުން 31.5 މިލިއަން ޓާކާ (ގާތްގަނޑަކަށް ހަތަރު ލައްކަ ޔޫއެސް ޑޮލަރު) ނަންގަވައި، އަމިއްލަ ކަންކަމަށް ބޭނުން ކުރައްވައިފަ އެވެ. އެ ފަންޑަކީ ބޭގަމް ޚާލިދާގެ މަރްހޫމް ފިރިކަލުން، އަދި ބަންގްލަދޭޝްގެ ކުރީގެ ރައީސް ޒިއާއުއް ރަޙްމާންގެ ނަންފުޅުމަތީގައި ގާއިމު ކުރެވިފައި ހުރި ފަންޑެއް ކަމަށް ވެސް އޮފިޝަލުން ވިދާޅުވި އެވެ.
މީގެ އިތުރުން، ޒިއާއުއް ރަޙްމާންގެ ނަންފުޅުމަތީގައި ގާއިމު ކުރެވިފައި ވާ ޔަތީމުހާނާއަކަށް އެކި ފަރާތްފަރާތުން ސަދަގާތް ކޮށްފައި ހުރި ފައިސާގެ ތެރެއިން 21.5 މިލިއަން ޓާކާ، ހިޔާނާތުގެ މަގުން ނެންގެވި ކަމުގެ ތުހުމަތު ވެސް ބޭގަމް ޚާލިދާ އާއި، އެކަމަނާގެ ދަރިކަލުން ޠާރިޤު ރަޙްމާނާއި، އަދި ބީއެންޕީގެ ތިން ލީޑަރެއްގެ މައްޗަށް ކުރެވިފައި ވެއެވެ.
ބޭގަމް ޚާލިދާ އާއި ބީއެންޕީގެ ޒައާމަތުން ވިދާޅުވެފައި ވަނީ، އެ ބޭފުޅުންނާ ދެކޮޅަށް ކުރެވޭ ތުހުމަތުތަކަކީ ސިޔާސީ ކުޅިގަނޑެއްގެ ތެރެއިން ފައިދާ ވެފައި ވާ ކަންތައްތަކެއް ކަމަށެވެ.
އިދިކޮޅު އެންމެ އިސް ލީޑަރުންގެ ތެރެއިން ބައެއް ބޭފުޅުންނާ ދެކޮޅަށް ކުރެވޭ ޝަރީއަތުގެ ސަބަބުން، ބަންގްލަދޭޝްގައި ސިޔާސީ ހައިޖާނު އިތުރު ވެގެން ދާނެ ކަމަށް ވަނީ ބެލެވިފަ އެވެ. މި އަހަރުގެ ޖަނަވަރީ މަހު ބޭއްވި މައްސަލަ ބޮޑު އިންތިހާބު ބޮއިކޮޓް ކުރާން، ބޭގަމް ޚާލިދާގެ ބީއެންޕީން ނިންމި ހިސާބުން ފެށިގެން، ގައުމުގެ ސިޔާސީ މަސްރަހު ވަނީ ހަލަނބޮލި ވެފައެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރާ ޝައިޚް ޙަސީނާ އާއި، އެކަމަނާގެ އަވާމީ ލީގަށް ޖަނަވަރީގެ އިންތިހާބު "ކާމިޔާބު ވި" އިރު، ބޭގަމް ޚާލިދާ އެ އިންތިހާބު ސިފަ ކުރައްވައިފައި ވަނީ "ހުތުރު ވެގެން ވާ ކަޅު ލައްގަނޑެއް" ގެ ގޮތުގަ އެވެ.
ބޭގަމް ޚާލިދާ އާއި ބީއެންޕީން އެދުނީ ޖަނަވަރީގެ އިންތިހާބު، މިނިވަން ވަގުތީ ސަރުކާރެއްގެ ބެލުމުގެ ދަށުން ކުރިޔަށް ގެންދިޔުމަށެވެ.
ބަންގްލަދޭޝްގެ ސިޔާސީ މަސްރަހުގައި، ވެއަތުވެ ދިޔަ ދައުރު ހިމެނިފައި ވަނީ ބޭގަމް ޚާލިދާ ޒިއާ އާއި ޝައިޚް ޙަސީނާ އާ ދެ ބޭފުޅުންގެ ކޯޅުމުގެ ދައުރަކަށެވެ. މި ދައުރުގެ ތެރޭގައި ކޮންމެ ބޭފުޅަކު ވެސް ގައުމުގެ ވެރިކަން ކުރައްވައިފައި ވާ އިރު، ކޮންމެ ބޭފުޅެއްގެ ވެރިކަމުގައި ވެސް އަނެއް ބޭފުޅަކާ ދެކޮޅަށް ތަފާތު އެކިއެކި ތުހުމަތުތައް އުފުލި، ޝަރީއަތްތައް ކުރެވިފައި ވެއެވެ.