20 Mar 2014, 09:18
އދ. މަޖިލިސް (މާޗް 20) : ޔުކްރޭންގެ މައްސަލަ ފިނިކުރުމާބެހޭގޮތުން، އދ. ގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫން، ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިންއާ މިއަދު މަޝްވަރާތަކެއް ކުރައްވާނެކަމަށް އދ. ން ބުނެފި އެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް ގެ ޕްރެސް އޮފީހުން ބުނީ، ބަންކީ މޫން މިއަދުގެ ވަގުތެއްގައި ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިންއާއި ހާރިޖީ ވަޒީރު ސަރްގީ ލާވްރޯވްގެ އިތުރުން ރަޝިޔާގެ އިސް އެހެން ބައެއް މަސްއޫލުވެރިންނާ މޮސްކޯގައި ބައްދަލުކުރައްވައި ޔުކްރޭންގެ މައްސަލައާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާތަކެއް ކުރައްވާނެ ކަމުގަ އެވެ.
އަދި ރަޝިޔާގެ މަސްއޫލުވެރިންނާ މިއަދު ބައްދަލުކުރެއްވުމަށްފަހު ބަންކީ މޫން، މާދަމާ ޔުކްރޭނަށް ވަޑައިގެން އެގައުމުގެ ވަގުތީ ރައީސް އޮލިގްޒެންޑާ ތުރްޗިނޯވް އާއި ބޮޑުވަޒީރު އަރްސީނީ ޔެޓްސެނިޔުކް އާ ބައްދަލުކުރައްވައި ހަމަ މިމައްސަލާގައި މަޝްވަރާތަކެއް ކުރައްވާނެކަމަށް އދ. ން ބުނެ އެވެ.
ބަންކީ މޫން، ރަޝިޔާ އާއި ޔުކްރޭންގެ ލީޑަރުންނާއެކު ކުރެއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގެ ބޭނުމަކީ އެ ދެގައުމުން ދޫދޭގޮތަށް ޔުކްރޭންގެ މައްސަލައަށް މެދުމިނުގެ ހައްލެއް ގެނެވޭތޯ ބެއްލެވުން ކަމަށާއި ދެގައުމުގެ މަސްރަހު ފިނި ކުރުމަށްޓަކައި ބަންކީ މޫން މަސައްކަތް ކުރައްވާނެކަމަށް ވެސް އދ. ން ބުނެއެވެ.
ޔުކްރޭންގައި އުފެދިފައިވާ ސިޔާސީ މައްސަލަތައް ހޫނުވެ ބައިނަލްއަގްވާމީ މައްސަލައަކަށް އެކަން ބަދަލުވެގެން ދިޔައީ އެގައުމުގައި އުފެދިފައިވާ ސިޔާސީ މައްސަލަތައް ސުލްހަވެރިކަމާއެކު ހައްލު ކުރުމަށް އިދިކޮޅު ފަރާތްތަކާއި ރައީސް ވިކްޓާ ޔަނަކޮވިޗްގެ ސަރުކާރާ ދެމެދު އެއްބަސްވި އެއްބަސްވުމާ ހިލާފުވެ ހުޅަނގުގެ ތާއީދާއެކު އިދިކޮޅު ފަރާތްތަކުން ޔަނޮކޮވިޗްގެ ސަރުކާރު ވައްޓާލުމުގެ ސަބަބުންނެވެ.
މިހާރު ޔުކްރޭނުގެ ވެރިކަމުގައި ތިއްބެވި ކުރީގެ އިދިކޮޅު ފަރާތްތަކުންވަނީ އެ އެއްބަސްވުން އެއްފަރާތް ކުރުމަށްފަހު މިދިޔަ ފެބްރުއަރީމަހުގެ ކުރީކޮޅު ރައީސް ވިކްޓާ ޔަނަކޮވިޗްގެ ސަރުކާރު ކުއްލިގޮތަކަށް ވައްޓާލައި ވަގުތީ ސަރުކާރެއް އުފައްދާފަ އެވެ. މިއާއެކު ރަޝިޔާއިން ވަނީ ޔުކްރޭންގެ ވަގުތީ ސަރުކާރު ގަބޫލުކުރުމަށް ދެކޮޅުހަދާފަ އެވެ. އަދި ޔުކްރޭންގައިވާ ރަޝިޔާއަށް ތާއީދުކުރާ ފަރާތްތަކުން ވަނީ އެގައުމުގެ ދެކުނުގެ ކްރައިމިއާ ޔުކްރޭނުން ވަކިކޮށް ރަޝިޔާގެ ބައެއްގެ ގޮތުގައި އެސަރަހައްދު ހެދުމަށްޓަކައި ރަޝިޔާއާއެކު އިއްތިޙާދީ މުއާހަދާއެއްގައި ސޮއިކޮށްފަ އެވެ.
ޔުކްރޭންގެ މައްސަލަ ހައްލުކުރުމަށްޓަކައި ޔަނަކޮވިޗްގެ ސަރުކާރާއި މިހާރު ވެރިކަމުގައި ތިއްބެވި ކުރީގެ އިދިކޮޅު ފަރާތްތަކުން އެއްބަސްވެފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް ޔުކްރޭންގެ ސަރުކާރުން އެއްބަސްވާނަމަ ދޫދިނުމަށް ތައްޔާރަށް އޮތްކަމަށް ރަޝިޔާއިން ބުނެފައި ވެއެވެ. ނަމަވެސް ޔުކްރޭނުންވަނީ އެއީ އެނބުރި ފަހަތަށް ދިޔުން ކަމަށް ބުނެ އެކަމާ ދެކޮޅު ހަދާފަ އެވެ. (ނޫސްއެޖެންސީތައް)