20 Mar 2014, 08:48
ގެއްލިގެން ހޯދަމުންދާ މަތިންދާބޯޓް އެމްއެޗް 370 ގެ ބައިތަކެއް ކަމަށް ބެލެވޭ ދޭއްޗެއް ފެނިފައިވާ ކަމަށް އޮސްޓްރޭލިއާ އިން ބުނެފި އެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރު ޓޯނީ އެބޮޓް ވިދާޅުވި ކަމަށް ބީބީސީން ބުނީ ބޯޓްގެ ބައިތަކެއް ކަމަށް ބެލެވޭ އެދޭތި ފެނުނީ ސެޓެލައިޓް އިމޭޖަރީ އިން ކަމަށެވެ. އޮސްޓްރޭލިއާ ޕާލަމެންޓްގައި ވާހަކަފުޅު ދައްކަވަމުން އެބޮޓް ވިދާޅުވެފައި ވަނީ އެދޭތި ހޯދުމަށް އޯރިއަން މަތިންދާބޯޓެއް މިހާރު ފޮނުވާފައިވާ ކަމަށެވެ.
ގެއްލުނު ބޯޓުގެ ބައިތަކެއް ކަމަށް ބެލެވޭ އެދޭތި ފެނުނީ ކޮން ސަރަހައްދަކުން ކަމެއް އެބޮޓް ވިދާޅެއް ނުވެ އެވެ. ނަމަވެސް އޮސްޓްރޭލިއާ އިން ބަލަމުން އަންނަނީ އިންޑިއާ ކަނޑުގެ ދެކުނުގެ ސަރަހައްދު ކަމަށް ވާތީ ބެލެވެނީ އެދޭތީ ފެނުނީ އެސަރަހައްދުން ކަމަށެވެ.
އެބޮޓް ވިދާޅުވެފައި ވަނީ އެދޭތި ހޯދުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށާއި އެއީ ބޯޓުގެ ބައިތަކަކަށް ނުވެވެސް ހިނގައިދާނެ ކަމަށެވެ.
މެލޭޝިއާ އެއާލައިންގެ ބޯޓު ގެއްލުނީ މިމަހުގެ އަށް ވަނަ ދުވަހު މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުން ޗައިނާގެ ބެއިޖިންއަށް ދަތުރުކުރަނިކޮށެވެ. އެބޯޓުން ފަޅުވެރިންނާ އެކު ޖުމްލަ 239 މީހުން ދަތުރުކުރިއެވެ. ބޯޓް ހޯދަން 26 ގައުމެއްގެ ކަނޑާއި ވައިގެ ސިފައިން އަންނަނީ މަސައްކަތްކުރަމުންނެވެ. ބޯޓު ގެއްލުނުތާ މިއަދަށް 12 ދުވަސް ވަނީ އެވެ.