20 Mar 2014, 00:06
ބޮޑެތި ކުށްތައްކޮށްފައިވާ ކުށްވެރިން ފިޔަވައި އެހެން ކުށްތަކުގައި ހުކުމް ތަންފީޒް ކުރަމުންދާ ޒުވާނުން "ފުޅާ އަފުވާމެއްގެ ދަށުން" އަންނަ މަހު މައާފު ދެއްވައި މުޖުތަމައުއަށް ނެރުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމުން ފުވަމުލަކުގައި މިރޭ ބޭއްވި "ގުޅިގެން މަޖިލިސް ވެސް ޔަގީން" ޖަލްސާގައި ރައީސް ޔާމިން ވިދާޅުވީ އެންމެ ބޮޑެތި ކުށްތަކުގައި ފިޔަވާ އެހެން ކުށްތަކުގައި އަދަބު ލިބެމުންދާ މީހުންނަށް "ދެވެން އޮތް މިންވަރެއްގެ މާފެއް" ދެއްވައިގެން ޒުވާނުނަށް މުޖުތަމައުއަށް ހިދުމަތް ކުރުމުގެ ފުރުސަތު ދެއްވުމަށް އެމަނިކުފާނު ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށެވެ. އެ ކަން ތަންފީޒު ކުރާނީ އަންނަ މަހުގެ އެއް ވަނަ ދުވަހު ކަމަށް ރައީސް ވިދާޅުވި އެވެ.
~
"އިއްޒަތްތެރި މަންމައިންނާއި ބައްޕައިންނަށް ޒުވާނުންގެ ފަރާތުން ކޮންމެ ވެސް ވަރެއްގެ ތަކުލީފެއް އުފުލަމުންދާ ދޮށީ ރައްޔިތުންގެ އަރިހުން ނިހާޔަކަށް މާފަށް އެދެމުން އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ އަޅުގަނޑު ބޭނުންވޭ ޒުވާނުން އަނބުރާ ޒުވާނުން ރިހެބިލިޓޭޓް ކުރަން. މާފާއެކު ދަންނަވާ ވާހަކައެއް މިއީ،" ރައީސް ވިދާޅުވި އެވެ.
"އެންމެ ބޮޑެތި ކުށްތަކުގައި ދިގު ހުކުމް އައިސްފައި ތިބި މީހުން ފިޔަވައި އެހެން ހުރިހާ ޒުވާނުންނަކީ އިރާދަކުރެއްވިއްޔާ ފުޅާ އަފުވާމެއްގެ ތެރެއިން މިންޖުވެގެން ދެވަނަ ފަހަރު މުޖުތަމައު ތެރޭގައި ހިދުމަތްކުރުމުގެ ފުރުސަތު ތަނަވަސްވެފައިވާ ބަޔަކަށް އަޅުގަނޑު ހަދާނަން،"
އެމަނިކުފާނު ވިދާޅުވީ ކުށްތަކަށް އަރައިގަންނަ ޒުވާނުންގެ ފަރާތުން އުނދަގޫ ލިބެމުންދާ މީހުންގެ ކިބައިން އެ ކަމަށް މާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަފުވާމުގެ ދަށުން މުޖުތަމައުއަށް ނެރުމަށް ހަމަ ޖެހިފައި ވަނީ ކިތައް މީހުން ކަމެއް ރައީސް ވިދާޅެއްނުވެ އެވެ. އަދި ބޮޑެތި ކުށްތަކަކީ ކޮބައި ކަމެއް ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރައްވާފައެއް ނުވެ އެވެ.
މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، އެކިއެކި ކުށްކުށުގެ އަދަބުގައި ހުކުމް ތަންފީޒުކުރަމުންދިޔަ 24 މީހެއްގެ އަދަބު، ރައީސް ޔާމީން ވަނީ މިދިޔަ ޖެނުއަރީ މަހު ވެސް ލުއިކޮށްދެއްވާފަ އެވެ.
ރައީސް މިރޭ އިތުރަށް ވިދާޅުވީ ޒުވާނުނަށް ވަޒީފާގެ ފުރުސަތު ހޯދައި ދިނުމަށް ބޭރުގެ އިންވެސްޓަރުންނާ މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ރިސޯޓްތައް ހިންގާ ފަރާތްތަކުން ދިވެހި ޒުވާނުނަށް ވަޒީފާ ދިނުމުގައި އިސްކަން ދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.