ޔުނީފޯމުގައި ތިބޭ ސްކޫލް ދަރިވަރުންނަށް ހުޅުމާލެ އާއި މާލެއާ ދެމެދު ހިލޭ ދަތުރު ކުރެވޭ ގޮތް ހެދުމަށް ރައީސް އޮފީހުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އަށް އަންގައިފި އެވެ.

މާލެ އާއި ހުޅުމާލެއާ ދެމެދު ފެރީގެ ހިދުމަތްދޭ އެމްޓީސީސީއަށް ރައީސް އޮފީހުން އެގޮތަށް އަންގަވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ނިންމެވުމަކަށެވެ.

ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އިބްރާޙިމް މުއާޒު އަލީ ވިދާޅުވީ އެފަދަ ނިންމެވުމެއް ރައީސް ނިންމަވާފައި ވަނީ ދަރިވަރުންނަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސައި ދެއްވާނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ރައީސް ވައުދު ވެވަޑައިގެންފައިވާތީ ކަމަށެވެ. އަދި ތައުލީމު އުނގެނުމަކީ ހަރަދުކޮށްގެން ކުރަންޖެހޭ ކަމެއް ކަމަށް ރައީސަށް ގަބޫލު ނުކުރެވޭތީ ކަމަށް މުއާޒު ވިދާޅުވި އެވެ.

ޔުނީފޯމުގައި ތިބޭ ދަރިވަރުން ހުޅުމާލެ އާއި މާލެއާ ދެމެދު ދަތުރު ކުރެވޭ ގޮތް ހެދުމަށް ރައީސް އޮފީހުން އެމްޓީސީސީއަށް އަންގާފައި ވިޔަސް، އެ އެންގެވުމަކަށް އަނި އަމަލެއް ނުކުރެ އެވެ.

އެމްޓީސީސީގެ އޮފިޝަލަކު މިރޭ ވިދާޅުވީ ރައީސް އޮފީހުގެ ނިންމުމާ ގުޅޭ ގޮތުން މާދަމާ މީޑިއާއަށް މައުލޫމާތު ދެއްވާނެ ކަމަށެވެ.

ވިލިމާލޭ އާއި މާލެއާ ދެމެދު ދަތުރު ކުރާ އެމްޓީސީގެ ފެރީތަކުގައި 2006 އަހަރުން ފެށިގެން ޔުނީފޯމްލީ ދަރިވަރުންނަށް ހިލޭ ދަތުރު ކުރެވެ އެވެ.