19 Mar 2014, 20:13
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކ. ގާފަރުގައި ބަހައްޓާ ވޯޓް ފޮށި ކައިރީގައި ހަރަކާތްތެރިވާނެ އޮފިޝަލުން އެ ރަށުން ނުލިބުމުން، އެ ރަށުގައި ވޯޓުލާން ފަށާ ގަޑި ފަސްކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ގާފަރުގައި ވޯޓުލާން ފަށާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 9:30 ގައި ކަމަށާއި އެ ރަށުގައި ވޯޓުލުން ބަންދު ކުރާނީ އެ ދުވަހު 5:30 ގައި ކަމަށެވެ.
ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ރާއްޖޭގެ އެހެން ރަށްތަކުގައި ވޯޓުލާން ފަށާނީ ހެނދުނު 8:00 ހަވީރު 4:00 އަށެވެ.
އިލެކްޝަންސް ކޮމިޝަންގެ މީޑިއާ އޮފިސަރު އައިޝަތު ޝިފާނާ އަހްމަދު ވިދާޅުވީ ގާފަރުގައި ބަހައްޓާ ވޯޓު ފޮށި ކައިރީގައި ހަރަކާތްތެރިވާނެ އޮފިޝަލުން ނުލިބުމުން، އެ ރަށަށް އޮފިޝަލުން ގެންދާނީ އެ އަތޮޅު ކާށިދޫއިން ކަމަށެވެ.
އިންޑީއާގެ ޓްރިވެންޑްރަމާއި ސްރީލަންކާގެ ކޮލަންބޯގައި ވޯޓުލާން ފަށާނީ ހޮނިހިރު ދުވަހުގެ ހެނދުނު 8:30 އިން ހަވީރު 4:30 އަށެވެ. މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ވޯޓުލާން ފަށާނީ އެ ދުވަހު 11:00 ރޭގަނޑު 7:00 އަށެވެ.