19 Mar 2014, 20:03
އަރޭމާ އަތުން ބަލިވެ މާޒިޔާ އަށް ދެވަނަ ބުރުގެ ފުރުސަތު ހަނިވެއްޖެ
އޭއެފްސީ ކަޕުގެ ގްރޫޕް އެފްގައި އަރޭމާ އިންޑޮނޭޝިއާ އަތުން ބަލިވެ، މާޒިޔާ އެންޑް ރެކްރިއޭޝަން ކްލަބު ދެވަނަ ބުރަށް ދަތުރުކުރުމުގެ ފުރުސަތު ހަނިވެއްޖެ އެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު އަރޭމާއާ ދެކޮޅަށް ކުޅުނު މެޗުން މާޒިޔާ ބަލިވީ 3-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް އަރޭމާ އެވެ. އެލަނޑު މެޗުގެ 13 ވަނަ މިނެޓުގައި އަރޭމާ އަށް ކާމިޔާބުކޮށްދިނީ ހެންދްރޯ ސޮސްވަންތޯ އެވެ.
މެޗުގެ 24 ވަނަ މިނެޓުގައި ލިބުނު ކޯނަރެއްގެ އެހީގައި މާޒިޔާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެޓީމުގެ ޑިފެންޑަރު އަމްދާނު އަލީ އެވެ. ނަމަވެސް މާޒިޔާއަށް ނަތީޖާ ހަމަހަމަކޮށް ލައިގެން މާގިނައިރުތަކެއް ވަންދެން އޮވެވޭގޮތެއް ނުވި އެވެ. މެޗުގެ 30 ވަނަ މިނެޓްގައި ގުސްޓާވޯގެ ލަނޑާއެކު އަރޭމާ އަށް އަލުން ލީޑު ލިބިގެންދިޔަ އެވެ.
މެޗުގެ ފުރަތަމަ ހާފު 2-1 ލަނޑުން އަރޭމާ ކުރީގައި އޮވެގެން ނިމުނު އިރު، ދެވަނަ ހާފުގައި ވެސް އަރޭމާ އަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައި ވެއެވެ. އެ ފުރުސަތުތަކުގެ ތެރެއިން އަރޭމާ އަށް މާޒިޔާގެ ގޯލުގެ ތެރެއަށް ވައްދާލެވުނީ އެންމެ ހަމަލާއެކެވެ. އެލަނޑު މެޗުގެ 67 ވަނަ މިނެޓުގައި އަރޭމާ އަށް ކާމިޔާބުކޮށްދިނީ ޑެންޑީ ސަންޓޯސޯ އެވެ.
މިމެޗުން މޮޅުވުމާއެކު އަރޭމާ ވަނީ ގްރޫޕް އެފްގެ ދެވަނަ އަށް އަރައިފަ އެވެ. އެއްވަނައިގައި އޮތީ ވިއެޓްނާމްގެ ހެނޯއީ އެވެ. މަލޭޝިއާގެ ސެލަންގޯ ތިންވަނަ އަށް ވެއްޓުން އިރު، އެއް ޕޮއިންޓާއެކު ގްރޫޕްގެ އެންމެ ފުލުގައި އަދިވެސް އޮތީ މާޒިޔާ އެވެ.