ގިނަ ފަރާތްތަކެއްގެ ފިއްތުމާ އެކު ވެސް ޔަހޫދީ ޑޮކްޓަރުން ރާއްޖޭގެ ދެ ސަރަހައްދެގައި 400 ވަރަކަށް މީހުންގެ ލޯ ބެލުމަށް ފަހު އިއްޔެ ފުރައިފި އެވެ.


ޔަހޫދީ ޑޮކްޓަރުން މި ފުރީ އެ މީހުން ފުރަން އޮތް ދުވަހުގެ އެއް ދުވަސް ކުރިން ނެވެ.


ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޑް ސެންޓަރު [އެންޑީއެމްސީ] މީޑިއާ ކޯޑިނޭޓަރު ކޯޕްރަލް ހިޝާން ހަސަން މިއަދު ވިދާޅުވީ އިޒްރޭލުން ރާއްޖެ އަށް އައި "އައި ފްރޮމް ޒިއޯން"ގެ ޑޮކްޓަރުން ރާއްޖޭގައި ތިބުމާއި އަދި އެ މީހުންގެ ހުރިހާ ހަރަދެއް ކުރީ އެ މީހުން އަމިއްލައަށް ކަމަށެވެ.


އިޒްރޭލު ޑޮކްޓަރުން ރާއްޖޭގައި ހޭދަކުރި 13 ދުވަހުގެ ތެރޭގައި 555 އެޕޮއިންޓްމަންޓެއް ހެއްދި ކަމަށް ސަރުކާރުގެ ރަސްމީ ފަރާތްތަކުން ބުނެ އެވެ. އެއީ އައިޖީއެމްއެޗުން 215 އެޕޮއިންޓްމަންޓާއި އައްޑޫ ހޮސްޕިޓަލުން 340 އެޕޮއިންޓް މަންޓެވެ.


އައްޑޫ ހޮސްޕިޓަލުން އިޒްރޭލު ޑޮކްޓަރުން ކައިރިން ފަރުވާ ހޯދާފައި ވަނީ ވެސް 340 މީހުންނެވެ. ނަމަވެސް އައިޖީއެމްއެޗުން ފަރުވާ ހޯދީ ކިތައް މީހުން ކަމެއް އަދި ވެސް އެ ހޮސްޕިޓަލަކުން ހާމައެއް ނުކުރެ އެވެ.


މި މަހު 9 ވަނަ ދުވަހު އިޒްރޭލު ޑޮކްޓަރުންގެ ޓީމުން އައިޖީއެމްއެޗުގައި ބަލި މީހުން ބަލަން އުޅުނު ނަމަވެސް އެ މީހުންގެ އެޕޮއިންޓްމަންޓްތައް ފަސްކުރީ އެ ދުވަހު މެޑިކަލް ކައުންސިލަށް ހުށަހަޅަން ޖެހޭ ލިޔުންތައް އިޒްރޭލު ޑޮކްޓަރުން ހުށަނާޅައި އޮތުމުގެ ސަބަބުން ހުއްދަ ނުލިބުމާ ގުޅިގެނެވެ. ނަމަވެސް އޭގެ އެއް ދުވަސް ފަހުން މި މަހު 11 ވަނަ ދުވަހު މެޑިކަލް ކައުންސިލުން ވަނީ އެމީހުންނަށް ރާއްޖޭގައި ބަލި މީހުން ބެލުމުގެ ހުއްދަދީފަ އެވެ.


އިޒްރޭލު ޑޮކްޓަރުންގެ ޓީމާ ދޮކޮޅަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ސިލްލާ މުޒާހަރާތަކެއްކޮށް އެމީހުންނާ ދެކޮޅަށް އަޑު އުފުލާފައިވާ އިރު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވަނީ ޑޮކްޓަރުންގެ ޓީމާ ބައްދަލުކުރައްވައި އެމީހުން "ރާއްޖެ އަށް ފޯރުވައިދެމުންދާ އިންސާނީ ހިދުމަތަށް ރާއްޖޭގެ ގިނަ ބަޔަކު މަރުހަބާ ކިޔާކަމަށް" ވިދާޅުވެފަ އެވެ.


އިޒްރޭލްގެ ޑޮކްޓަރުންގެ ޓީމް "އައި ފްރޮމް ޒިއޯން"ގެ ނަމުގައި މަސައްކަތް ކުރިއިރު އެ މީހުން ބޭނުން ކުރާ "ޒިއޯން" އަކީ އަލް ގުދުސަށް ޔަހޫދީން ކިޔައި އުޅޭ ނަމެކެވެ. ޔަހޫދީންގެ ސިޔާސީ ބައިގަނޑެއްކަމުގައިވާ "ޒަޔަނިސްޓުންގެ" ނަން ނަގާފައި ވަނީ "ޒިއޯން" މި ބަހުންނެވެ.