އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގާ ގުޅޭ ގޮތުން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލާގައި މިހާތަނަށް އެއްކުރި މައުލޫމާތުތަކުން "ނުރަނގަޅު ކަންކަން ހިނގާފައިވާ" ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ވެބްސައިޓުގައި ބުނެފައި ވަނީ އާއްމު ފަރާތަކުން ހުށަހެޅި މައްސަލައަކާ ގުޅިގެން ފުއާދުގެ މައްޗަށް ކުރާ ތުހުމަތު އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް ފުއާދާ ގުޅޭ "ނުރަނގަޅު" ކަންތައްތަކަކީ ކޮބައި ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ފުލުހުން ތަހުގީގު ކުރަމުންދަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު ފުއާދު ތައުފީގު ފޯނުން ދައްކަވާފައިވާ ވާހަކަތަކެއްގެ މައްސަލަ އެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ އޯޑިއޯގައި ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ މައްސަލަ ބަލާތީ އެކަމާ ފުއާދު ކަންބޮޑުވުން ފާޅުކުރައްވައި ނަޝީދާ ވާހަކަފުޅު ދައްކަވަ އެވެ. އަދި މާލޭގެ ދަފުތަރުގައި ހިމެނޭ މީހުން އެކި ސަރަހައްދުތަކަށް ބެހުމާ ގުޅޭ ގޮތުން ވެސް ފުއާދާއި ނަޝީދު ވާހަކަފުޅު ދައްކަވަ އެވެ.

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލާގައި ފުއާދު ފުލުސް އޮފީހަށް ހާޒިރު ކުރުމުން، އެމަނިކުފާނު ވަނީ ގާނޫނު އަސާސީން ލިބިދީފައިވާ ހަނުހުރުމުގެ ހައްގު ބޭނުން ކުރައްވާފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ދެ މެމްބަރުން ކަމަށް ވާ އަލީ މުހައްމަދު މަނިކާއި މުހައްމަދު ފާރޫގު ވެސް ވަނީ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.