19 Mar 2014, 17:56
އިރާނުގެ މަސްބޯޓަކުން ރާއްޖެއަށް އެތެރެކުރި 24 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ ފުލުސް މީހާ ސަސްޕެންޑްކޮށްފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރި 18 މީހުންގެ ތެރޭގައި ހިމެނޭ ހަތަރު ދިވެހިންގެ ތެރެއިން ދިވެހި ފުލުސް މީހާ ވަޒީފާއިން ސަސްޕެންޑްކޮށްފައި ވަނީ މިމަހުގެ 11 ވަނަ ދުވަހުން ފެށިގެންނެވެ.
ފުލުުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފުލުސް މީހާއާ މެދު ފުލުހުންގެ ވަޒީފާގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ. ނަމަވެސް އެ ފުލުސް މީހާއާ މެދު މިހާތަނަށް އެއްވެސް ފިޔަވަޅެއް އެޅި ކަމެއް ނުވަތަ ނޫން ކަމެއް ވެސް އޮފިޝަލް ވިދާޅެއް ނުވެ އެވެ.
ކަނޑުމަގުން ރާއްޖެއަށް މަމިހުގެ 10 ވަނަ ދުވަހު މަސްތުވާތަކެތި އެތެރެކޮށްފައި ވަނީ އީރާންގައި ރަޖިސްޓްރީ ކޮށްފައިވާ "ހޮރުމޯޒް" ނަމަކަށް ކިޔާ ބޯޓަކުންނެވެ. ފުލުހުން ހިނގި ހާއްސަ އޮޕަރޭޝަނެއްގައި އެ ބޯޓު އަތުލައިގެންފައި ވަނީ އއ. މަތިވެރި އާއި ދިމާލުން 30 ނޯޓިކަލް މޭލު ބޭރުން ޑިންގީއެއްގައި މަސްތުވާތަކެތި ނޭނގޭގޮތަށް ފައިބަރު ޖަހައި ބަންދުކޮށް މަސްދޯންޏެއްގައި އެ ޑިންގީ ހުޅުމާލެއަށް ގެންދިޔަ ތަނުންނެވެ.
އެ ބޯޓުން ރާއްޖެ ގެނެއި މަސްތުވާތަކެތީގެ މަގުމަތީ އަގު 36 މިލިއަން ރުފިޔާއަށް އަރާނެ ކަމަށާއި އަދި އެއަށް އިތުރު "ޕައުޑާ" ތަށް އެއްކޮއްގެން ވިއްކައިފިނަމަ އެ ތަކެތީގެ އަގު 100 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.