19 Mar 2014, 17:34
އިންޑިއާގެ ޓްރިވެންޑްރަމްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެއްސެއްގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް، ސިކުޑިއަށް ލޭ އެޅިއްޖެ އެވެ.
ޓްރިވެންޑްރަމްގައި ރޭ ހިނގި އެކްސިޑެންޓެއްގައި ސީރިއަސް ޒަހަމްތަކެއް ލިބިފައި ވަނީ މ. ޓްރިމްކްލިޓީ ނަދީމް މަސްހޫދު، 34 އަށެވެ. އޭނާގެ ކޮއްކޮ ލިލީތާ މަސްއޫދު މިއަދު "ސަން"އަށް ވިދާޅުވީ ބޭބެ އެސްސިޑެންޓް ހިނގީ މާލޭ ސިޓީ ކައުންސިލްގެ ކުރީގެ މެމްބަރު އަހްމަދު ހަމީދު (ފުލައި)އާ އެކު ސައިކަލެއްގައި ރޭ ދުއްވާފައި ދަނިކޮށް، ބާރު ސްޕީޑެއްގައި ދުއްވާފައި އައި ސައިކަލެއްގައި ޖެހިގެން ކަމަށެވެ. އެ އެކްސިޑެންޓުގައި ފުލައިއަށް ވެސް ޒަހަމްތަކެއް ލިބުނު ކަމަށާއި ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމާށް ލިލީތާ ބުންޏެވެ.
އޭނާ ބުނީ ބޭބެގެ ބޮލުގެ ނާށިގަނޑު ފަލައިގެން ގޮސް، ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށާއި އަދި މުނޫގެ އެކި ދިމާލުން ވެސް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ. އަދި ނޭފަތާ ދިމާލުން ކަށިގަނޑެއްގައި ރެނދުލާފައިވާ ކަމަށް ވެސް ލިލީތާ ބުންޏެވެ.
ބޭބެއަށް ލިބުނު ޒަހަމްތަކަށް އައިސީޔޫއިން ފަރުވާދެމުންދާ ކަމަށާއި ތިން ގަޑިއިރުގެ އޮޕަރޭޝަނަކަށް ފަހު 48 ގަޑިއިރު ވަންދެން ބޭބެ ހޭނައްތާފައިވާ ކަމަށް ލިލީތާ ބުންޏެވެ.