19 Mar 2014, 17:13
ޕީޕީއެމްގެ ސަރުކާރުން މަސްވެރިންނަށް ކުރަނީ ފައިސާގެ ހަދިޔާއެއް ކަމަށާއި އޭގެ މުގާބިލުގައި އެ ފައިސާ ފޮތީގެ އަނެއް ފަރާތުގައި އޮތީ އެމްޑީޕީ ކަމުން އެކަމަށް ހޭލުންތެރިވުމަށް މަސްވެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވާލައްވައިފި އެވެ.
އައްޑޫ ސިޓީގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި މަސްވެރިންނަށް ދިނުމަށް ކަނޑައަޅާފައިވާ "ބެޔަސް ނުބެޔަސް 10،000" ރުފިޔާއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ "މަސްވެރިންނަށް ޕީޕީއެމްގެ ސަރުކާރުން މިކުރަނީ ހަދިޔާއެއް،" ކަމަށެވެ. އަދި އެއީ މަސްވެރިން އިތުރަށް މަސްވެރިކަމަށް ނުކުތުމަށާއި މަސްވެރިކަން ދަށްވިނަމަވެސް އެކަމުގައި ދެމިތިބުމުގައި ކުރާ ހަދިޔާއެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެ ފައިސާ ފޮތީގެ އެއް ފުށުގައި މިއޮތީ ޕީޕީއެމްގެ ބެޔަސް ނުބެޔަސް 10،000 ރުފިޔާ އަދި އަނެއް ފުށުގައި މިއޮތީ އެމްޑީޕީ" ރައީސް ވިދާޅުވި އެވެ. އެކަމުގެ ތަފްސީލް ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ދިވެހި ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީންތަކަށް ފުރުސަތު އޮތްތޯ ބެލުމުގެ މަސައްކަތް އެންމެ ފުރަތަމަ ވެސް ކޮށްފައި ވަނީ އެމްޑީޕީގެ ސަރުކާރުން ކަމަށެވެ. އަދި އެކަންތައް އެގޮތަށް ކުރެވޭތޯ ބެއްލެވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްލާމިކް މިނިސްޓްރީ އަށް ސިޓީފުޅެއް ފޮނުއްވާފައިވާކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
"މިއީ އިސްލާމީ ދައުލަތެއް ސައްތައިން ސައްތަ އިސްލާމީ ދައުލަތެއް. ނަމަވެސް ދިވެހި ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީންތަކަށް ޖާގަ އޮތްތޯ ބެލުމުގެ މަސައްކަތް ރައީސް ނަޝީދުގެ ސަރުކާރުން ކުރެއްވި. އެކަމާ އެމަނިކުފާނު (ރައީސް ނަޝީދު) ވެސް ދެބަސްވެވަޑައިނުގެންނަވާ،" ރައީސް ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އިންސާނީ ހައްގުތައް އެއް ވަނަ ދުނިޔޭގައި އޮތް މިންވަރަށް ހޯދައިދޭނެ ކަމުގެ ވާހަކަތައް އެންމެ ގިނައިން ދައްކަވަމުން ގެންދެވީ ވެސް ރައީސް ނަޝީދު ކަމަށާއި މިހާރު ވެސް އެމަނިކުފާނު އެވާހަކަތައް ދައްކަވާ ކަމަށެވެ. އަދި ދިވެހިންގެ ތެރެއިން މީހަކު ނުކުމެ ތިމަންނާ މިއީ މުސްލިމެއް ނޫން ކަމަށް ކަނޑައަޅައި ވަނީ ވެސް އެމަނިކުފާނުގެ ޒައާމަތުގައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އިންސާނީ ހައްގުތަކުގެ ނަމުގައި ސިޔާސީ ގޮތުން ހިޔާލުތަފާތުވާ މީހުން ދައްކާ އެފަދަ ބައެއް ވާހަކަތަކުގެ އެންމެ ނޭދެވޭ އަސަރު ކުރަނީ ރާއްޖޭގެ ނިކަމެތި މަސްވެރިންނަށް ކަމަށެވެ. އެގޮތުން މިއަދު ރާއްޖޭގެ މަސް ޔޫރަޕްގެ މާކެޓަށް ފޮނުވުން މުޅިން ހުއްޓިފައިވާ ކަމަށާއި ރާއްޖޭގެ މަސްވެރިން މިހާރު ބާނާ މަސް ފޮނުވަން ޖެހެނީ ހަލާލު ޖަހާފައި އަރަބި ގައުމުތަކަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެއްވަނަ ދުނިޔޭގެ ބައެއް ގައުމުތަކުގައި އަމަލްކުރާ އުސޫލުން ޖިންސުގެ ހަމަހަމަކަން ހޯދުމުގެ ވާހަކަ ވިއްސަކަށް މީހުން ދެއްކީ ވެސް ރައީސް ނަޝީދުގެ ޒައާމަތުގައި. މީގެ އަގު އަދާ ކުރަން މިޖެހުނީ އަޅުގަނޑުމެންގެ ނިކަމެތި މަސްވެރިންނަށް. އިންސާނީ ހައްގުގެ ނަމުގައި ބަޔަކު ދެއްކި ވާހަކަތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެ އަށް ދެމުން ގެންދިޔަ ޑިއުޓީ އިނާޔަތް ކަނޑާލަން ޔޫރަޕުން ނިންމާފައި މިވަނީ. އެހެންވެ ޔޫރަޕަށް އެތެރެކުރަމުން ގެންދިޔަ ރާއްޖޭގެ މަސް އެތެރެކުރުން މިހާރު މިވަނީ ގާތްގަނޑަކަށް ހުއްޓާލައިފައި،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ސިޔާސީ ގޮތުން އެމްޑީޕީއާ ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅުތަކަށް ހޭއަރައި ތިބުމަށް ވަނީ އެދިވަޑައިގެންފަ އެވެ.
ޕީޕީއެމްގެ "ބެޔަސް ނުބެޔަސް މަސްވެރިންނަށް ދިހަ ހާސްރުފިޔާ،" އަންނަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި މަސްވެރިންނަށް ކަށަވަރު ކޮށްދެއްވާނެ ކަމަށް ރައީސް ވަނީ އިޢުލާން ކުރައްވާފަ އެވެ.