19 Mar 2014, 16:12
ގެއްލިފައިވާ އެމްއެޗް 370 މަތިންދާ ބޯޓު ހައިޖެކް ކުރުމަކީ ހުވަފެނުގައި ނޫނީ ވާވަރު ކަމެއް ނޫން ކަމަށް ޕާކިސްތާނުގެ ތާލިބާނުން ބުނެފި އެވެ.
ރޮއިޓާސް ބުނީ އެ އެޖެންސީއާ ފޯނުން ވާހަކަ ދެއްކި ޕާކިސްތާނު ތާލިބާނުންގެ ކޮމާންޑަރަކު އެހެން ބުނި ކަމަށެވެ.
"އެފަދަ ބޯޓެއް ހައިޖެކް ކުރުމުގެ ފުރުސަތު އަހަރެމެންނަށް ލިބޭނެ ނަމައޭ އަހަރެމެން ހިތަށް އަރާ،" ތާލިބާނުންގެ ކޮމާންޑަރަކު ބުނި ކަމަށް ރޮއިޓާސް ބުންޏެވެ.
ގެއްލުނު ބޯޓު ހައިޖެކްކޮށްގެން، ޕާކިސްތާނު ނޫނީ އަފްޣާނިސްތާނުގެ ތާލިބާނުން ބާރުގެ ދަށުގައިވާ ސަރަހައްދަކަށް ގެންގޮސްފައި ވެދާނެ ކަމަށް ދެކެވޭ ވާހަކަ އަފްޣާން ތާލިބާނުން ވެސް ވަނީ ދޮގުކޮށްފަ އެވެ.
"އެކަން ހިނގާފައި ވަނީ އަފްޣާނިސްތާނުން ބޭރުގައި، ކަލޭމެންނަށް ފެންނާނެ އެންމެ ކުރިއަރާފައިވާ އިކްއިޕްމެންޓް ހުރި ގައުމުތަކަށް ވެސް އެބޯޓް ދިޔަ ތަނެއް އެއުޅެނީ ކަނޑައަޅައި ބުނަން ނޭނގިގެން. އެއީ ބޭރުގެ މައްސަލައަކަށް ވާތީ އަހަރެމެންގެ ވެސް ނެތް އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް،" އަފްޣާން ތާލިބާނުންގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ބުނި ކަމަށް ރޮއިޓާސް ބުންޏެވެ.
މެލޭޝިއާ އެއާލައިންގެ ބޯޓު 239 މީހުންނާ އެކު ގެއްލިފައި ވަނީ މިމަހުގެ އަށް ވަނަ ދުވަހު އެވެ. މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިންއަށް ދަތުރުކުރަނިކޮށް ގެއްލުނު އެބޯޓް ހޯދުމަށް 26 ގައުމެއްގެ ވަޔާއި ކަނޑުގެ ސިފައިން އަންނަނީ މަސައްކަތް ކުރަމުންނެވެ.