19 Mar 2014, 16:02
ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އިތުބާރު ހުރި ގޮތެއްގައި ބޭއްވޭނެކަން ކަށަވަރު ކުރުމަށް ހުރިހާ ރައްޔިތުން ވެސް އެމީހުންގެ ދައުރު އަދާކުރުމަށް ކޮމަންވެލްތުން ގޮވާލައިފި އެވެ.
އެކަމަށް ގޮވާލާފައި ވަނީ އިންތިހާބު އޮބްޒާވް ކުރުމަށް ރާއްޖެ ވަޑައިގެންނެވި ކޮމަންވެލްތު އޮބްޒާވާ ގްރޫޕުން މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގަ އެވެ.
"މާޗް 22 ވަނަ ދުވަހު ގައުމުގައި އިތުބާރު ހުރި އިންތިހާބެއް ބޭއްވޭނެ ކަން ކަށަވަރުކުރުމަށް ހުރިހާ ރައްޔިތުން ވެސް އެމީހުންގެ ދައުރު އަދާކުރަން އަހަރެމެން ހިތްވަރުދެން،" ޓްރޭޑާސް ހޮޓަލުގައި މިއަދު އޮތް ނޫސް ކޮންފަރެންސްގައި ކޮމަންވެލްތު އޮބްޒާވަ ގްރޫޕްގައި އިސްކޮށް އުޅުއްވާ ، ޖެމެއިކާގެ ކުރީގެ ބޮޑުވަޒީރު ބްރޫސް ގޯލްޑިން ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ އިންތިހާބު ބާއްވާ އިރު ކޮމަންވެލްތު އޮބްޒާވާ ގްރޫޕް ރާއްޖޭގައި ތިބުމަކީ ރާއްޖޭގެ ޑިމޮކްރަސީ ވަރުގަދަ ކުރުމަށް ބޭނުންތެރި އެހީއަކަށް ވާނެ ކަމަށެވެ.
"އިލެކްޝަންސް ކޮމިޝަނުގެ ދެ މެމްބަރުން ވަކިކޮށްފައިވާ އިރު އެކޮމިޝަނުގެ ގާބިލު ކަމާ މެދު ދެކެނީ ކިހިނެތްތޯ؟ " ސަން އިން ދެންނެވުމުން ގޯލްޑިން ވިދާޅުވީ އެކަމަށް އެއްޗެއް ވިދާޅުވާން ބޭނުން ވެވަޑައިނުގަންނަވާ ކަމަށެވެ.
"... އަޅުގަނޑުމެންނަށް އެކަމަކަށް އިންސާފެއް ނުކުރެވޭނެ. އެބޭފުޅުން އެ ގެންދަވަނީ ގޮތްތައް ހަމަޖައްސަވަމުން. ތައްޔާރުވެފައިވާ ވަރާ މެދު އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތަކަށް އަޅުގަނޑުމެން ޖެހޭނީ އިހުތިރާމް ކުރަން،" އޭނާ ވިދާޅުވި އެވެ.
ގްރޫޕުން މަސައްކަތް ކުރާނެ ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ގޯލްޑިން ވިދާޅުވީ އިންތިހާބުގެ ކަންތައްތައް ބަލާނީ ވަކިފަރާތަކަށް ނުޖެހި މިނިވަން ކަމާ އެކުގައި ކަމަށެވެ.
"އަޅުގަނޑުމެންގެ ޑިއުޓީ އަދާކުރުމުގައި އަދި ބަލައި ދިރާސާ ކުރުމުގައި އަޅުގަނޑުމެން އޮބްޖެކްޓިވް ވާނެ. ވަކިފަރާތަކަށް ނުޖެހޭނެ އަދި މިނިވަން ވާނެ،" ގޯލްޑިން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮބްޒާވްކުރުމަށް ކޮމަންވެލްތުން ފޮނުވި ، ހަތް މެމްބަރުންގެ ގްރޫޕްގައި ހިމެނެނީ ކޮމަންވެލްތުގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ، ސިޔާސީ، އިންތިހާބީ ގާނޫނީ އަދި މީޑިއާ ދާއިރާއިން ތަޖުރިބާކާރު ބޭފުޅުންނެވެ. އެބޭފުޅުން ރާއްޖެ އަށް ވަޑައިގެންނެވީ މިމަހުގެ 16 ވަނަ ދުވަހުއެވެ. އިންތިހާބުގެ ކަންތައްތައް ބައްލަވައި ނިންމެވުމަށް ފަހު އެބޭފުޅުން ރާއްޖޭން ފުރާވަޑައިގަންނަވާނީ މިމަހުގެ 28 ވަނަ ދުވަހު އެވެ. އަދި އިންތިހާބާ ބެހޭ ގޮތުން ގްރޫޕުން ތައްޔާރުކުރާ ރިޕޯޓް އޭގެ ފަހުން ވަރަށް އަވަހަށް ޝާއިއު ކުރައްވާނެ ކަމަށް ގޯލްޑިން ވިދާޅުވި އެވެ.