19 Mar 2014, 15:28
ނ. މިލަދޫ ކައުންސިލް އިންތިޚާބު ބާތިލްކުރާނެ ތަނެއް ނެތްކަމަށް ހައިކޯޓުން ހުކުމް ކޮށްފި އެވެ.
ހައިކޯޓުން އެގޮތަށް ހުކުމް ކޮށްފައި ވަނީ ނ. މިލަދޫ ބަހާރުގޭ މުހައްމަދު އަލީ އެ ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު އެވެ.
ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ މިލަދޫ ކައުންސިލްގެ އިންތިޚާބު ބާއްވާފައި ވަނީ ގާނޫނު އަސާސީ އާއި އާންމު އިންތިޚާބުތަކާ ބެހޭ ގާނޫނާއި ލޯކަލް ކައުންސިލް އިންތިޚާބުގެ ގާނޫނައި އަދި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ގައިޑުލައިންތަކާ އެއްގޮތަށް ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ބުނިނަމަވެސް، އެ އިންތިޚާބު ބާތިލްކުރަންޖެހޭފަދަ އެކަށީގެންވާ ސަބަބެއް އޭނާ އަށް ދެއްކިފައިނުވާ ކަމަށެވެ.
ހައިކޯޓުން އެ ހުކުމް ކޮށްފައި ވަނީ އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
މިދިޔަ މަހުގެ 15 ދުވަހު ދެވަނަ ފަހަރަށް މިލަދޫ ކައުންސިލްގެ އިންތިޚާބު ބާއްވާފައި ވަނީ ޖެނުއަރީ މަހު ބޭއްވި އިންތިޚާބުގައި ފޮހެވޭ ގަލަން ބޭނުންކޮށްފައިވާތީ އިލެކްޝަންސް ކޮމިޝަނުން އެ އިންތިޚާބު ބާތިލްކުރުމުންނެވެ.
އެންމެފަހުން ބޭއްވި އިންތިޚާބުގައި ފަސް ވަނައަށް ދިޔަ ކެންޑިޑޭޓާއި ހަ ވަނަ އަށް ދިޔަ ކެންޑިޑޭޓު އެއްވަރުވެފައިވާތީ އެ ދެ ބޭފުޅުންގެ މެދުގައި އަލުން އިންތިޚާބު ބާއްވަން ކޮމިޝަނުން ވަނީ ނިންމާފަ އެވެ.